މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދަކީ 3,500 ޑޮލަރު ކަމުގައި އެ ބޭންކުން ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ، މިއީ ދިވެހިރާއްޖޭގައި ޒަމާނީ، 'ޑިޖިޓަލް-ފަސްޓް' ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ. އަދި މި ބަދަލު ގެނައި ނަމަވެސް، ކާޑަކުން ދުވާލަކަށް ނެގޭ 1,600 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ނިންމުމަކީ ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަވަސް، ރައްކާތެރި އަދި ލުއިފަސޭހަ ޑިޖިޓަލް މާލީ ނިޒާމެއް ކުރިއެރުވުމަށް ބީއެމްއެލް އިން ގެންގުޅޭ ދުރުރާސްތާގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ނަގުދު ފައިސާ ބޭނުންކުރަން ނުޖެހި، ދުވަހުން ދުވަހަށް ބޭނުންވާ ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ޑިޖިޓަލް ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ބީއެމްއެލްއިން މުހިންމު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާކަން އެ ބޭންކުން ފާހަގަކުރެއެވެ. އެގޮތުން ބީއެމްއެލް މޮބައިލް ބޭންކިންގ އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް، ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރެގެންވެސް ބިލްތަކަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން އެކައުންޓްގެ އެންމެހައި މުޢާމަލާތްތައް ފަސޭހަކަމާއެކު ބަލަހައްޓައި މެނޭޖްކުރެވުން ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ކާޑު މެދުވެރިކޮށް އަދި ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކުމާއި، އެކައުންޓްތަކަށް ވަގުތުން ވަގުތަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.