މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް (އެމްޖީއައިއެސް) އަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މައުލޫމާތު އެއް ވިއުގައަކުން ލިބި، ދައުލަތުގެ މާލީ އިދާރާތަކާ ގުޅުވައިދޭ ވަރަށް މުހިންމު ވަސީލަތެއްކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މި ސިސްޓަމް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޖީއައިއެސް އަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު އެއްވިއުގައަކުން ގުޅާލާ، ދައުލަތުގެ މާލީ އިދާރާތަކާ ސީދާ ގުޅުވައިދޭ މަރުކަޒީ ނިޒާމެކެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާއަތަށްވުމާއެކު، މި ދާއިރާގެ މަޢުލޫމާތަކީ ސަރުކާރާއި ދައުލަތުގެ ގިނަ އިދާރާތަކަކުން ބޭނުންކުރާ މަޢުލޫމާތެކެވެ. އަދި މިސިސްޓަމްގެ ސަބަބުން މި މައުލޫމާތުތައް ބަލަހައްޓާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، މި ސިސްޓަމް ތައާރަފުކުރުމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދައުލަތް ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ މޯލްޑިވްސް 2.0ގެ ޑިޖިޓަލް ތަޞައްވުރުގެ ދަށުން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

މީގެ އިތުރުން މީރާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕްގައި ހިމެނޭ ރިޕޯޓިންގ އޮޓޮމޭޓްކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެމްޖީއައިއެސް އަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ސިސްޓަމްގެ ސަބަބުން މީރާގެ މަސައްކަތްތަކަށްވެސް ކުރިއެރުންތައް އަންނަތަން ފެނިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީރާއަކީ އެފޯޓްލެސް ޓެކްސް ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރާ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް މިނިސްޓަރ އިލްތިމާސްކުރައްވައި ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ މަސައްކަތުގައި މީރާ ވާންވާނީ އެންމެ ކުރީގައި އޮންނަ މުއައްސަސާކަމުގައެވެ. މި ސިސްޓަމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްޞަކޮށް އަމިއްލަ ޕްރޮޕަޓީ މެނޭޖްމަންޓް ސިސްޓަމްއެއް ނެތް ގެސްޓްހައުސްތަކާއި ވިޔަފާރިތަކަށް، ފަތުރުވެރިންގެ މަޢުލޫމާތު ބެލެހެއްޓުމަށް މި ފުރިހަމަ ޕްލެޓްފޯމަކީ ބޮޑު އެހީއަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ ފުރިހަމަ ނިޒާމެއް ކުރު މުއްދަތެއްގެ ތެރޭގައި ގާއިމުކުރެވުނީ ކަމާގުޅޭ މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ކަމަށާއި އަދި ވަކިން ޚާއްސަކޮށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ފަސީޙް ފޯރުކޮށްދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވައި ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން އެ ވިއުގަ ފަރުމާކުރުމާއި ގާއިމުކުރުމުގައި މީރާގެ މުވައްޒަފުން ކުރެއްވި ފަންނީ އަދި އިޚްލާޞްތެރި މަސައްކަތްތަކަށް ވަޒީރު ތައުރީފުކުރެއްވިއެވެ.