ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" (އެމް.ޖީ.އައި.އެސް) ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ ގޮތުގައި، މި ސިސްޓަމް އިފުތިތާހުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސެސް، ހަސަން ޒަރީރެވެ.
މީރާއިން ބުނީ، މި ސިސްޓަމް ތައާރަފުކުރުމާއެކު، ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކަށް އަންނަ ފަތުރުވެރިންގެ މައުލޫމާތު މި ސިސްޓަމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. މި ސިސްޓަމުން މައުލޫމާތު ހުށަހެޅުމުން، މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެ މައުލޫމާތު އެ މިނިސްޓްރީއަށް ވެސް ހުށަހެޅުނީ ކަމުގައި ބެލެވޭނެ ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ހާމަކުރާގޮތުގައި، މި އައު އިންތިޒާމުގެ ސަބަބުން ޓޫރިސްޓް އެސްތެބްލިޝްމަންޓްތަކުން މައުލޫމާތު ހުށަހެޅުމުގެ އިލްތިޒާމު ފުރިހަމަކުރުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި މި ސިސްޓަމް ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކުގެ ސިސްޓަމާ އިންޓަގްރޭޓްކުރުމުން، މައުލޫމާތު ހުށަހެޅުމަށް މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތް ނިމުމަކަށް އަންނާނެ ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މި ސިސްޓަމަކީ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ސިސްޓަމެއް ކަމުގައި ވިޔަސް، ޓެކްސްދައްކާ ފަރާތްތައް އޮންބޯޑް ކުރުމުގައި މީރާއިން އިސްކަންދޭނީ ޓެކްސް ދައްކާ ފަރާތްތައް ދެބަޔަކަށް ބަހާލައިގެން ކަން މީރާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރިސޯޓްތަކާއި، ހޮޓާތަކާއި، އަދި 50 އެނދަށްވުރެ މަތީގެ ގެސްޓްހައުސްތަކުން، 1 ނޮވެމްބަރ 2026 އިން ފެށިގެން މި ސިސްޓަމް މެދުވެރިކޮށް ރިޕޯޓް ކުރަން ފަށަން ޖެހޭއިރު، ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ފަރާތްތަކުން، 1 ޖެނުއަރީ 2027 އިން ފެށިގެން ހިނގާ މުއްދަތުތަކުގެ މައުލޫމާތު މި ސިސްޓަމް މެދުވެރިކޮށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށް މީރާއިން ވަނީ އަންގާފައެވެ.
މީރާއިން ބުނީ، މި އައު ސިސްޓަމް ތައާރަފުކުރި ނަމަވެސް، ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުރިއެކޭ އެއްފަދައިން ގްރީން ޓެކްސް ރިޓާން ހުށަހެޅުމާއި ފައިސާ ދެއްކުން ކުރިއަށް ދާނީ "މީރާކަނެކްޓް" މެދުވެރިކޮށް ނަމަވެސް، މި ސިސްޓަމަށް މައުލޫމާތު ރިޕޯޓް ކުރުމުން، އެ މުއްދަތުގެ ގްރީން ޓެކްސް ބަޔާނާއެކު އިތުރު އިންފޮމޭޝަން ޝީޓެއް އަޕްލޯޑްކުރާކަށް ނުޖެހޭނެ ކަން ފާހަގަކޮށް މީރާއިން ބުނީ އޭގެ ބަދަލުގައި ބަޔާން ހުށަހަޅާއިރު އެ މައުލޫމާތު ގްރީން ޓެކްސް ބަޔާނަށް ޕްރީފިލް ކޮށްދޭނެ ކަމަށެވެ.