"ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.

އެ ކުންފުނި އުފައްދަވާފައި ވަނީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. އެގޮތުން އެ ކުންފުނި އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/16 ޤަރާރުންނެވެ.

މިއީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް ކުރިޔަށް ގެންދިޔުމަށް ޓަކައި 100 ޕަސެންޓު ސަރުކާރު ހިއްސާވާގޮތަށް އުފައްދަވާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއަރުވައި، މާކެޓުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިންގ ފެސިލިޓީތައް ޤާއިމުކޮށް ހިންގުމާއި، ދައުލަތުގެ ސެކިއުރިޓީޒްއާއި އިސްލާމީ ޝަރީޢާގެ ހަމަތަކަށް ފެތޭ ސުކޫކާއި އެހެނިހެން މާލީ ވަސީލަތްތައް ނެރުމާއި، ލިސްޓުކުރުމާއި މުޢާމަލާތުކުރުމުގެ މަގުފަހިކޮށްދިނުމާއި، ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީއާއި، ކްލިއަރިންގ އަދި ސެޓްލްމަންޓުގެ ޒަމާނީ ޕޯސްޓް-ޓްރޭޑް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުން ހިމެނެއެވެ.