ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން ޖަލްސާތައް ކުރިއަށްދާނެއެވެ. ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މޭ 15ގެ ނިޔަލަށް ކުރިއަށްދާއިރު، ދެވަނަ ދައުރު ކުރިއަށްދާނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށެވެ.
ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ އޮގަސްޓް މަހުގެ 26ވަނަ ދުވަހުއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށަން ތާވަލުކޮށްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު ކަމަށެވެ.
މަޖިލީހުން އާންމުކޮށްފައިވާ އެޖެންޑާގައިވާގޮތުން މި އަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން 2 ކަމެއް ހުށަހަޅުއްވާނެއެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލުގެ އިބްތިދާޢީ ބަހުސްވެސް މި ޖަލްސާގައި ފަށާނެއެވެ.
މީގެ އިތުރުން މީރާއަށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އާއި "މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮފް ދަ މެންބަރ ސްޓޭޓްސް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޮން އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް ކޯޕަރޭޝަން" މުއާހަދާގައި ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަވެސް މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅުއްވާނެއެވެ.