މޯލްޑިވްސް ޒަކާތު ހައުސްއިން ވިދިވިދިގެން ތިންވަނަ އަހަރަށް ބާއްވާ "އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް މޯލްޑިވްސް (އިންޒެކް) 2026″ ގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ މި ކޮންފަރެންސަކީ، މާލީ އަދި އިޖުތިމާއީ ނާޒުކު ހާލަތްތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި، ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމުގައި ޒަކާތުގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އިލްމުވެރިންނާއި، އިގްތިސާދީ މާހިރުންނާއި، ޒަކާތުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތަކާއި، މަދަނީ ޖަމްއިއްޔާތަކުގެ މަންދޫބުންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވާނެ ކޮންފަރެންސެކެވެ.
ޒަކާތު ހައުސްއިން ބުނީ، މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ރެޒިލިއަންޓް ފައުންޑޭޝަންސް: ޑިސައިފަރިންގ ވަލްނަރަބިލިޓީ، އިކޮނޮމިކް އިމްޕެކްޓް، އެންޑް ކޮލާބޮރޭޓިވް ސޭފްޓީ ނެޓްސް އިން މޮޑަން ސޮސައިޓީޒް" ކަމަށެވެ.
މި ކޮންފަރެންސްގައި ކީނޯޓް އެޑްރެސްތަކާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ ކަން ފާހަގަކޮށް ޒަކާތު ހައުސްއިން ބުނީ، މަޝްވަރާކުރެވޭނެ މައުޟޫއުތަކުގެ ތެރޭގައި ގޭބިސީތަކުގެ ނާޒުކު ހާލަތަށް އަންނަމުންދާ ބަދަލުތަކާއި، މާލީ ދަތިކަމުގެ ސަބަބުން ކުރާ އިގްތިސާދީ އަސަރުތަކާއި، އެކި ދާއިރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމާއި، ގުޅިފައިވާ ރައްކާތެރިކަމުގެ ނިޒާމުތަކުގެ އިތުރުން ނާޒުކު ހާލަތްތަކުގައިވާ އާއިލާތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ މާލީ މިނިވަންކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ބޭރު ގައުމުތަކުގައި ބޭނުންކުރާ މޮޑެލްތައްފަދަ މައުޟޫއުތައް ހިމެނޭ ކަމަށެވެ.
ޒަކާތު ހައުސްއިން ބުނީ، އިންޒެކް 2026 ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ރަސްމީރަޖިސްޓްރޭޝަން ފޯމުމެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ.