ސްޓެލްކޯ އިން އައްޑޫ ސިޓީގައި ދެމުންދާ ކަރަންޓުގެ ހިދުމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ސިޓީގެ ކަރަންޓު ހިދުމަތް ދިނުމުގެ މަސްއޫލިއްޔަތާއި ރަސްމީކޮށް ހަވާލުވެއްޖެއެވެ.
އައްޑޫގެ ކަރަންޓުގެ ހިދުމަތާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަލީ އަޒުވަރު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރާތުގައި އިއްޔެ ވަނީ އައްޑޫގެ މައި އިންޖީނުގެ އަށް ވަޑައިގެން އެ އިމާރާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައި ދެއްވައިފަ އެވެ. އަދި މަރަދޫފޭދޫ އޮފީހަށް ވަޑައިގެން، އެ ތަނުގައި ވެސް ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވާފައި ވެއެވެ.
އެގޮތުން އެ ޒިޔާރަތުގެތެރެއިން މަރަދޫފޭދޫ އޮފީހުގެ މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން އަޒުވަރު ވިދާޅުވީ، ސްޓެލްކޯއިން އައްޑޫގެ ކަރަންޓުގެ ހިދުމަތާ ދެވަނަ ފަހަރަށް ހަވާލުވުމަކީ އެ ސިޓީގެ ރައްޔިތުންނަށް އާ އުއްމީދުތަކެއް ގެނުވި ކަމެއް ކަމަށާއި، ޒަމާނީ ވަސީލަތްތަކާއެކު ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް އަޒްވަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ބަދަލުކުރެއްވުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.