މި އަހަރުގެ ހަލާލް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

އިގްތިސާދީ ވުޒާރާއިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ތުރުކީގެ އިސްތަންބޫލުގައި މި އަހަރުގެ ނޮވެމްބަރު މަހުގެ 25 އިން 28 އަށް 11 ވަނަ އޯގަނިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންސް (އޯއައިސީ) ހަލާލް އެގްޒިބިޝަން އަދި 12 ވަނަ ވޯލްޑް ހަލާލް ސަމިޓު 2026 ގައި، ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު، ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލަފައިވާ ކަމަށެވެ.

އެ ވުޒާރާއިން ވަނީ، އެ މައުރަޒުގައި އަދި ސަމިޓުގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމު،ލިންކުންނުވަތަ އެ ވުޒާރާއިން އާންމުކޮށްފައިވާ ކިއުއާރު ކޯޑުން ލިބޭނެ ކަމަށް ބުނެފައެވެ. އަދި އެ މައުރަޒާ ގުޅޭ އިތުރު މައުލޫމަތު ހޯދުމަށް އެ މައުރަޒުގެވެބްސައިޓަށްޒިޔާރާތްކުރުމުން ލިބޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އިސްތަންބޫލްގައި ބޭއްވޭ "ހަލާލް ސަމިޓް" އަކީ ހަލާލް ސިނާއަތާއި އިސްލާމީ އިގުތިސާދާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، އެކި ގައުމުތަކުގެ ސަރުކާރުތަކާއި، ވިޔަފާރިވެރިންނާއި، އިލްމުވެރިންގެ އިތުރުން ތަފާތު ޖަމިއްޔާ ޖަމާއަތްތައް އެއްބައިކުރުވާ ބައިނަލްއަގުވާމީ މުހިންމު ހަރަކާތެކެވެ. މި ސަމިޓުގައި ހަލާލް މިންގަނޑުތަކާއި، ސެޓްފިކެޓް ދޫކުރުމާއި، މުދަލާއި ހިދުމަތްތަކުގެ އިތުރުން، ކާބޯތަކެތި، މާލީ ދާއިރާ، ފަތުރުވެރިކަން، ސިއްހީ ހިދުމަތް އަދި ރީތިވާ ސާމާނު ފަދަ ދާއިރާތަކުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކަށް ހާއްސަ ސަމާލުކަމެއް ދެއެވެ.