މި އަހަރު 22 މީހަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުންދައްކައިފިއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސިއްހީ ވަޒީރު ގީލާ އަލީ ވިދާޅުވީ، މިހާތަނަށް އެޗްއައިވީގެ 76 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދުނިޔޭގައި ތިބީ 52 މީހުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު، އެޗްޕީއޭއިން ވަނީ މީޑިއާއަކަށް 1991 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެޗްއައިވީއަށް ފައްސިވި މީހުންގެ އަދަދުތައް ހިއްސާކޮށްފައެވެ. އެ މުއްދަތުގައި އެޗްއައިވީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 54 މީހުން ކަމާއި، 16 މީހަކު މަރުވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެހެންކަމުން ވަޒީރުގެ މައުލޫމާތާއި، އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތު އަޅައިކިޔުމުން، މިއަހަރު އެކަނިވެސް 22 މީހުން އެޗްއައިވީ އަށް ފައްސިވެފައިވާކަން ހާމަވެއެވެ.
މިކަމުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ ގިނަ މީހުންނަކީ ފުރިހަމައަށް ރައްކާތެރިކަމެއް ނެތި ޖިންސީ ގުޅުން ހިންގާފައިވާ މީހުން ކަމަށެވެ.
މީގެ އިތުރުން، އެކަމަށް އަމާޒުކޮށް ބަލި ޖެހިދާނެ ހައިރިސްކް ގްރޫޕްތައް ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގަމުންދާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި ލޭގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނިޒާމްތައް މިހާރު އެބަހުރި ކަމަށެވެ. އަދި ރާއްޖޭގައި ލޭގެ ޒަރިއްޔާއިން ބަލިޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ހަދަންޖެހޭ ހުރިހާ ޓެސްޓްތަކެއް ހެދި އެކަން ކުރިއަށް ގެންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، ރާއްޖެ ފަދަ ކުޑަ ގައުމެއް ކަމަށްވާ ފިޖީގައި އިންތިހާނަށް އެޗްއައިވީ ފެތުރި ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު، ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު ކަމަށާއި އޭރު އެކަމަނާ މަސައްކަތް ކުރައްވަމުން ގެންދެވީ ފަންނީ މަސައްކަތްތެރިއެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ވަޒީރު ވަނީ އޭރުވެސް އެ ބައްޔާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުންތަކެއް އުފެދި، ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިޔަކަން ހާމަކޮށްފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިއަދު ސަރުކާރުތަކުން އެ ބައްޔާމެދު ފޯރުކޮށްދޭން ޖެހޭ ހޭލުންތެރިކަމާއި ފަރުވާއާ އެހެނިހެން ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށެވެ.