ދިވެހި ވަތަނީ ހިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ.

ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށް ދިނުމުގެ މުޅިން އާ ރާސްތާއެއް ފަހިކޮށްދިނުމުގެ ނިޔަތާއި އުންމީދުން ފުރިގެންވި އަޒުމާއެކު 01 އޮކްޓޫބަރު 2025 ގައި މި ސަރުކާރުން ފެށި ދިވެހި ވަތަނީ ހިދުމަތަށް 1 އަހަރު ފުރުމާއި ގުޅިގެން އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މާތް ﷲ އަށް ހަމްދު ކުރާ ހަލު، މި މުނާސަބާގައި، ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އާއިލާތަކަށް ތަހުނިޔާ ދަންނަވާފައެވެ. އަދި، ދިވެހި ވަތަނީ ހިދުމަތުގެ ކާމިޔާބު ހަރަކާތް ކުރިއަށް ގެންދިއުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު އެއްހާސް ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ހާސިލް ކުރެވިފައިވާ ކަމަށެވެ.

މި ފާއިތުވެދިޔަ އެއް އަހަރު ވެގެންދިޔައީ، ޒުވާނުންނަށްޓަކައި، ދިވެހި ވަތަނީ ހިދުމަތުގެ ތެރެއިން ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވުނު އަހަރަކަށް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގެ ތެރެއިން 1028 ދިވެހި ޒުވާނުން ތަމްރީނު ކުރެވުނުއިރު، ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމުން 136 ޒުވާނުން ތަމްރީނު ކުރެވިފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާތް ﷲ ގެ ހެޔޮ ރަހުމަތާއެކު ދިވެހި ވަތަނީ ހިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ، ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތައާރަފްކޮށް، ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައްވެސް ތައާރަފްކުރެވޭނެ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނޭޝަނަލް ސަރވިސްގެ ތަމްރީނުތައް ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރާ މަސައްކަތުގައި ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު ފުޅާކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ދިވެހި ވަތަނީ ހިދުމަތުގެ ތިންބެޗެއްގެ އަސާސީ ތަމްރީނުތައް ވަނީ ނިންމާލައިފައެވެ.