ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމެވެ.

ެެއެގޮތުން މި މަޝްރޫޢުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ 'ނެޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން' މުރާޖަޢާކޮށް، ޒަމާނާ އެއްގޮތަށް އަދާހަމަކުރުމާއި، ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީބީޑީ) އަށް ރާއްޖެއިން ހުށަހަޅަންޖެހޭ 7 ވަނަ ޤައުމީ ރިޕޯޓު ތައްޔާރުކުރުން ހިމެނެއެވެ. އަދި ތިމާވެށީގެ ދިރުންތައް ހިމާޔަތްކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމާއި ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ކުރިއަށް ގެންދިއުމަށް 'ބަޔޯޑައިވަރސިޓީ ފައިނޭންސިންގ ޕްލޭން' އެކުލަވާލުން ހިމެނެއެވެ.