ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ، ތަނަވަސްކަމުގެ ތަސައްވުރު އޮތް ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާ ރައްޔިތުންގެ ޖުމްހޫރިއްޔާ އުފެދުނުތާ 77 އަހަރު ފުރުނު މުނާސަބަތުގައި، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް އަށާއި، ސަރުކާރަށާއި، ޗައިނާގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަށް ރައީސް ވަނީ އެކްސްގައި ޕޯސްޓެއް އާންމުކުރައްވާފައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ، އިހްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ، ތަރައްގީއާއި ތަނަވަސްކަމުގެ އެއްގަލަކަށް އަރާ ތަސައްވުރެއް ހިއްސާކުރާ، ބަދަހި އަދި ދިގުދެމިގެންވާ ގާތް ގުޅުމެއް ކަމަށެވެ.
ރައީސް ވަނީ، ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ސާބިތުކަމާއެކު ދެމިއޮތް ބައިވެރިއެއްކަން ފާހަގަކުރައްވާ، ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މަންފާކުރަނިވި ގިނަގުނަ ފުރުސަތުތަކެއް ފަހިވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މުސްތަގުބަލަށް ބަލާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ޖާމިއު އިސްތިރާތީޖީ އެއްބާރުލުމުގެ ބައިވެރިކަން އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ސަރުކާރުން ފުރިހަމައަށް އިލްތިޒާމްވެގެން ތިބި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދުވަހުން ދުވަހަށް ބަދަހިވެ، ޗައިނާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން މިންވަރުކުރެއްވުމަށް ރައީސް ވަނީ، އެދިލައްވާފައެވެ.
ޗައިނާ އަކީ ރާއްޖޭގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ބޮޑެތި އެހީތަކެއް ދީފައިވާ ގައުމެކެވެ. އެގޮތުން ޗައިނާ އެހީގައި ކުރިއަށްގެންގޮސްފައިވާ އެންމެ ބޮޑު އެއް މަޝްރޫއުއަކީ މާލެއާއި، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބްރިޖެވެ.