މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޒަކާތުގެ އެހީގެ ގޮތުގައި ޖުމުލަ 5,170,675.91 (ފަސް މިލިއަން އެއްލައްކަ ހަތްދިހަ ހާސް ހަސަތޭކަ ހަތްދިހަ ފަސް ރުފިޔާ ނުވަދިހަ އެއް ލާރި) ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނެފިއެވެ.
ޒަކާތު ހައުސް އިން ބުނީ މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ބެހި 4,615,944.84 ރުފިޔާއާ އަޅާ ބަލާއިރު %12 އިތުރު ޢަދަދެއް ކަމަށެވެ. އަދި އޮގަސްޓު މަހު އެންމެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށް ކަމަށާއި، އެއީ 2,358,675.66 ރުފިޔާ ކަމަށް ޒަކާތު ހައުސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކުރި 2,316,175.66 ރުފިޔާއާއި ޒަރޫރީ ބޭނުންތަކަށް ދޫކުރި 42,500 ރުފިޔާ ހިމެނެއެވެ.
ޒަކާތު ހައުސް އިން ބުނީ ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ފީސަބީލިﷲގެ ބަޔަށް ކަމަށާއި، އެއީ 2,544,823.64 ރުފިޔާ ކަމަށެވެ. މީގެ ތެރޭގައި ދީނީ ޕްރޮގްރާމްތައް ހިންގުމަށް ހޭދަކުރި 1,047,219.50 ރުފިޔާއާއި، މަތީ ތައުލީމު ފުރިހަމަކުރުމަށް ދިން އެހީގެ ގޮތުގައި 797,604.14 ރުފިޔާއާއި، ފޮތްތައް ތަރުޖަމާކުރުމަށް ހޭދަކުރި 579,585.40 ރުފިޔާގެ އިތުރުން ހިފްޒު ޕްރޮގްރާމްތަކާއި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ހޭދަކުރި 120,414.60 ރުފިޔާވެސް ހިމެނެއެވެ.
މީގެ އިތުރުން އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދަރަނިވެރިންނަށް އެހީވުމުގެ ބައިން (އަލްޣާރިމީން) 60,061 ރުފިޔާ ދޫކޮށްފައިވާ އިރު، ހާލުގައި ޖެހިފައިވާ ދަތުރުވެރިންގެ ބައިން (އިބްނުއްސަބީލް) 19,834.02 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޒަކާތު ހައުސް އިން ބުނީ 2026ވަނަ އަހަރުގެ އޮގްސްޓު މަހުގެ ތެރޭގައި ޒަކާތު ފަންޑަށް ލިބުނު އާމްދަނީގެ ގޮތުގައި 7,353,416.98 ރުފިޔާ ރެކޯޑު ކުރެވިފައިވާ ކަމަށެވެ.