ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން އާންމުކުރި ވީޑިއޯ ފުޓޭޖުން ރޭގަނޑު 7:34 ހާއިރު ދަބަހެއް އަޅުވައިގެން ހުރި ފިރިހެނަކު މާލޭގެ ގެއަކަށް ވަންނަ މަންޒަރު ފެންނައިރު، އޭނާ އެގެއިން ނިކުންނަނީ ގާތްގަނޑަކަށް ދެ މިނެޓު ފަހުން 7:36 ހާއިރުއެވެ. އަދި އެތަނުން ނިކުތުމަށް ފަހު މަގުމަތީގައި މަޑުކޮށްގެން ހުންނަ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު އެ މީހާގެ ވީޑިއޯ އާންމުކޮށް ބުނީ އެ މީހާއަކީ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފެމިލީ އެންޑް ޖެންޑަރ އެފެއަރޒްއިން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެއީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
އެހެންކަމުން ފުލުހުން ވަނީ، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ގެ ނަންބަރު 9790163 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.