ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ އަދި ޤައުމިއްޔަތުގެ އަސާސްތަކާ ތަޢާރަޒްވާފަދަ އެއްވެސް ކަމެއް ރައީސޫލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ ޕްރޮޖްކްޓާއި ބެހޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ހީނާ ވިދާޅުވީ، ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަންމަވާފައި ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާ ފަދަ އަދި މި ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އަސާސްތަކާ ތަޢާރަޒްވާފަދަ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުކުރައްވާނެކަން ޔަޤީން."
ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

މީގެއިތުރުން، އިސްލާމީ ވަޙްދަތު ފުޅާކޮށް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ޤައުމީ މަަސައްކަތް އެހެން އެއްވެސް ސަރުކާރެއްގައި ނުކުރައްވާ މިންވަރަށް އިސްކަން ދެއްވައިގެން ރައީސް ޑރ. މުޢިއްޒު ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، ރަސްމާލެ އިންވެސްޓްމަންޓަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރިކޮށް ޙިމާޔަތް ކުރެވިފައިވާ މަޝްރޫޢެއް ކަމަށެވެ.

އީގަލް ހިލްސް އިން ރަސްމާލޭގެ އާބަން އޭރިއާގައި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުތައް ހިމެނޭހެން ބިޔަ ޕްރޮޖްކްޓެއް ހިންގަން ރާވާފައިވާއިރު، މިއީ ރާއްޖޭގެ ބިން ނުއަގުގައި ބޭރުގެ ކުންފުންޏަކަށް "ވިއްކާލުން" ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅޭގޮތުން ހީނާ ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް ކަންކަމުގެ ހަޤީޤަތް އޮޅުވާލުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ ފިތުނަވެރި ކަމެއް ކަން ފާހަގަކުރައްވައި، އަމިއްލަ އެދުމަށްވުރެ ޤައުމު އިސްކުރުމަށް ހީނާ ވަނީ އިލްތިމާސްކުރަައްވާފައެވެ.