އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ "މައުރިފާ" ފޮތް މައުރަޒު 2026 އޮކްޓޯބަރު 1 އިން 3 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ފޮތް މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ކަމަށެވެ.

މި ފޮތް މައުރަޒުގައި ޖުމްލަ 22 ފަރާތަކުން ބައިވެރިވުމަށް ހަމަޖައްސާފައިވާކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، އޭގެތެރޭގައި ރާއްޖޭގެ ބޮޑެތި ބުކްޝޮޕްތަކުގެ އިތުރުން ޖަމްއިއްޔާ ޖަމާއަތްތަކާއި، މުއައްސަސާތަކާއި އަދި އަމިއްލަ ފޮތް ލިޔުންތެރިން ހިމެނޭ ކަމަށެވެ. އަދި މި މައުރަޒުން ކުޑަކުދިންނަށް ހާއްސަ ވާހަކަފޮތްތަކާއި، ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ ފޮތްތަކާއި، ދިވެހިބަހަށް ހާއްސަ އިލްމީ ފޮތްތަކުގެ އިތުރުން ވެސް ގިނަ ކެޓަގަރީތަކެއްގެ ފޮތްތައް ގަންނަން ލިބޭނެ ކަމަށް އެވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ، މިއަހަރު މުޅިން އަލަށް ކުރިއަށްގެންދާ ހާއްސަ ކަމެއްގެ ގޮތުން، ލިޔުންތެރިންގެ ތަޖުރިބާ ހިއްސާކުރުމަށް ހާއްސަ "ކޯނާއެއް" ބެހެއްޓުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ކޯނާ ގާއިމުކުރުމުގެ މަގްސަދަކީ ލިޔުންތެރިން، އެބޭފުޅުންގެ ފޮތްތަކާބެހޭގޮތުން ތަޖުރިބާ ހިއްސާކުރުމާއެކު، ޒުވާން ޖީލު ލިޔުންތެރިކަމާއި ފޮތް ކިޔުމަށް ލޯބިޖެއްސުމާއި، ޑރ. އާމާލް އަލީގެ ފޮތް ހުށަހެޅުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މީގެއިތުރުން، މިއަހަރު މައުރަޒަށް ޒިޔާރަތްކުރ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންމެ ދުވަހަކު 1,000 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭގޮތަށް ހަމަޖައްސާފައިވާ ކަމަށާއި ގުރުއަތުލުން އޮންނާނީ ކޮންމެ ރެއެއްގެ 22:00 ގައި ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.