އީގަލް ހިލްސްގެ އިންވެސްޓްމަންޓުން، ފަތުރުވެރިކަމުން ލިބޭ ވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1،010 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން އެޕާޓްމަންޓްތައް ތަރައްގީކޮށް ވިއްކުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާތީ، ގިނަ ބައެއްގެ ފާޑު ކިޔުންތަކާއި ގުޅުވައިގެން އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.
ފަހުމީ ވިދާޅުވީ، ހަމައެކަނި އީގަލް ހިލްސްގެ އިންވެސްޓްމަންޓުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ، މިހާރު މުޅި ފަތުރުވެރިކަމުގެ ސެކްޓަރުން، 179 ރިޒޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު އެކުވެގެން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަށްވުރެ އިތުރުވާނެ ކަމަށް ކުރެވޭ ފިސްކަލް އަންދާޒާތަކުން ދައްކާ ކަމަށެވެ.
މީގެ އިތުރުން، ރަސްމާލެ މަޝްރޫއުގެ އިގްތިސާދީ އަމާޒަކީ މީގެ ކުރިން ރާއްޖޭގައި ގާއިމުކުރެވިފައިނުވާފަދަ ބޮޑު މަޝްރޫއެއް ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މިކަމަށް، ވަރަށް ގިނަ ފަރާތްތަކެއް ފާޑު ކިޔަމުންދާއިރު، ރާއްޖޭގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ރަސްމާލެ ޕްރޮޖްކްޓް ކަމަށާއި، އީގަލް ހިލްސްއަކީ ރާއްޖޭގެ ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ވެ އެ ޕްރޮޖެކްޓުން ޖާގަ ލިބުނީތީ ފަހުރުވެރިވާ ކަމަށް އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ވަނީ ވިދާޅުވެފައެވެ.