ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާއަށްވެސް ފުލުހުންގެ ޚިދުމަތުން ބޭސްފަރުވާކޮށްދޭ ގޮތަށް ފުލުހުންގެ ވަޒީފާގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.

ފުލުހުންގެ ވަޒީފާގެ ޤަވާއިދަށް ގެނައި އިސްލާހުގައި ވަނީ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާކޮށްދޭ އުސޫލުން ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ފުލުހުންގެ އާއިލާއަށްވެސް ފުލުހުންގެ ޚިދުމަތުން ބޭސްފަރުވާ ކޮށްދޭން ޖެހޭނެކަށް ބަޔާންކޮށްފައެވެ. އަދި ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވާ ފުލުހުންގެ ޖަނާޒާ ވަކި ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމަށް ނިންމިދާނެ ކަމަށް ވެސް ޤަވާއިދުގައިވެއެވެ.

މިގޮތަށް ވަކި ރަސްމިއްޔާތެއް ބޭއްވުމަށް ނިންމަންވާނީ، ނިޔާވި ހާލަތާއި، ދިމާބި ހާދިސާގައި ކަން ހިނގާފައިވާ ގޮތަށާއި، މުވައްޒަފު އަދާކުރި ދައުރަށް ބަލައި، އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑަށް ހުށަހަޅައި، އެ ބޯޑުން ނިންމާ ގޮތެއްގެ މަތީންނެވެ.

ޝަރަފުވެރިކަމާއެކު ހިދުމަތުން ރިޓަޔާކުރާ ފުލުހުންގެ އިނާޔަތްތަކަށް ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެއްކޮށް ރިޓަޔާކުރާ މީހުންނަށް ދޭ އިނާޔަތްތައް ހިސާބު ކުރުމުގައި އޮތް ލިމިޓު ބަދަލުކުރަން ނިންމާފައިވާ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.