އަންނަ އާދިއްތަ ދުވަހު އަމީނީ މަގުގައި މަރާމަތުކުރި ސަރަހައްދު އާއްމު ދަތުރުފަތުރުކުރުމަށް ހުޅުވާލާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)ން މިދިޔަ ހޯމަ ދުވަހު އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ދެވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ތާރުއަޅައިގެން ތަރައްގީކޮށްފައި އޮތް އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާއި ގުޅިގެން އެ ސަރަހައްދު މަރާމާތުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެތެރޭގައެވެ. މަގުގެ މަސައްކަތް އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރަމުންދާއިރު ސެގްމަންޓް 1 ގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުކައިރީ އޮންނަ ޕާކާ ހަމައަށް ތާރުއެޅުމުގެ މަސައްކަތެވެ. އަދި އެ ސެގްމަންޓުގެ ތާރު އެޅުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ސެގްމަންޓު މަރަމާތުކުރުމުގެ މަސައްކަތް މިމަހުގެ 23 ވަނަ ދުވަހު ފަށާފައިވާ އިރު، އެ ސަރަހައްދުގައި ކުރިން އަޅާފައިވާ ތާރު ގަނޑު ނެގުމަށްފަހު އަލުން މިހާރު ތާރު އަޅައި ނިންމާލާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އެމްޓީސީސީން ބުނީ، އަލަށް މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ދެ ފަށަލައަށް ތާރު އަޅަމުންދާ ކަމަށެވެ.

އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަހައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް ފަންނީ ބޭފުޅުން ފާހަގަކުރެއެވެ. ހާއްސަކޮށް އެ ސަރަހައްދަކީ ބަސްދަތުރުކުރާ ސަރަހައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުސަތު އޮންނަކަމަށްވެސް ފަންނީ ބޭފުޅުން ބުނެއެވެ.