ރ. އަނގޮޅިތީމުގައި 72 އަހަރުގެ ދިވެހި އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް، އެރަށު ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ، ރ. އަނގޮޅިތީމު ގެއަކަށް މީހަކު ވަދެ 72 އަހަރުގެ ދިވެހި އަންހެނަކާމެދު ގަދަކަމުން ޖިންސީގޯނާކޮށް މަރާލާނޭކަމަށް ބުނެ އިންޒާރުދިން މައްސަލަ މި ހިނގާ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުގެ ރޭ 8:30 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާލިބުނު 72 އަހަރުގެ މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 21:57 އެހައިކަންހާއިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.