ދަތުގެ ފަރުވާ ދެއްވުމުގައި މުޅި ރާއްޖެއަށް މަޤުބޫލުވި ޚިދުމަތްތެރިޔާ، ޢަބްދުﷲ ސަޢީދު (ދަތްޖަހާ ސަޢީދު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޢަބްދުﷲ ސަޢީދު އަވަހާރަވުމަކީ މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
ސަޢީދަކީ ދިގު މުއްދަތެއްގައި ރާއްޖޭގެ ޞިއްޙީ ދާއިރާގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ސަޢީދަކީ ހަމައެކަނި ޞިއްޙީ ދާއިރާގެ އިތުރުން، ދިވެހި މަސައްކަތްތެރިކަމުގެ އެކި ފަންނުތަކުގައިވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ އަގުހުރި ހުނަރުވެރިއެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
ރައީސްގެ މެސެޖުގައި ވަނީ މާތްﷲގެ ރަޙްމަތާއި އޯގާވަންތަކަމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ސަޢީދު ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.