ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ހިތާއި ލޭހޮޅިތަކާ ގުޅުންހުރި ބަލިތަކުގައި މަރުވާ މީޙުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން އެކަންހާމަކޮށްފައި ވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވަނީ، ހިތާއި ލޭހޮޅިތަކުގެ ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއްބަލި ކަމަށެވެ. އަދި ރާއްޖޭގައި ވެސް ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވަމުން އަންނަ ކަމަށާއި، ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތަ އަކީ އެފަދަ ބަލިތައް ތަޙައްމަލު ކުރާ މީހުން ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމުށް ހެދުނު "ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސަރވޭ 2020 -2021" ދައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނެވެ.

އެޗްޕީއޭ އިން ބުނީ ގައިންގަޔަށް ނާރާބަލިތަކުގެ ހިރާސްތަކަށް މީހުން ހުށަހެޅިފައިވާގޮތް ދެނެގަތުމަށާއި،ބަލި ދުރާލާ ދެނެގަތުމަށް ސްކްރީންކުރުމުގެ އިންތިޒާމުތައް ރަނގަޅު ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ހަރުދަނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި ދަމަނަވެށީގެ އިތުރުން 'އާރބަން ޕްރައިމަރީ ހެލްތު ކެއާރ ސެންޓަރ' ގެ ނަމުގައި މާފައްނުގައި ޕްރައިމަރީ ހެލްތް ކެއަރ ފޯރުކޮށްދެވޭނެ މަރުކަޒެއް 2025 ނޮވެމްބަރުގައި ހުޅުވައި ދަނީ ހިދުމަތް ދެމެންނެވެ. އަދި އަތޮޅު ތެރޭގައި މި ނިޒާމު ހަރުދަނާކުރުމަށް ފެށިފައިވާ މަސައްކަތުގެ ދަށުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޞިއްޙީ ދާއިރާގެ ގިނަ ޚިދުމަތްތެރިންނަށް ކަމާ ގުޅޭ ތަމްރީނުތައް ދެވި، ކުރިއާލާ ބައްޔަށް ސްކްރީންކޮށް އެ މައުލޫމާތުތައް ބެލެހެއްޓެމުންނެވެ.

އެޗްޕީއޭ އިން ބުނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 37,038 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ސްކްރީން ކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ކޮލޮސްޓްރޯލް މައްޗަށްދާ 21.2 އިންސައްތަ މީހުން ހިމެނޭ އިރު، ހަކުރުބަލި ތައްހަމަލް ކުރަމުންދާ 10.4 އިންސައްތަ މީހުން ހިމެނެއެވެ. އަދި 18 އިންސައްތަ މީހުން ލޭ މައްޗަށް ދާ މީހުންގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ލޭ މައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް މީހުން ހުށައެޅޭ ހިރާސްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ހިތުގެ ދުޅަހެޔޮކަމަށް ޓަކައި ކުރެވިދާނެ ކަންކަން:

  • ރަނގަޅަށް ނިދުން

  • ހަރަކާތްތެރިވެ ހެލިފެލި ވެ އުޅޭ މިންވަރު އިތުރު ކުރުން.
  • ފައިދާ ހުރި ކާނާ ކެއުމަށް އާދަކުރުން
  • ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕް ބޭނުން ކުރުމުން ދުރުހެލިވުން
  • ޞިއްޙީ ގޮތުން ރައްކާތެރިވެ ތިބުމަށް އާދަވެ ޓެސްޓުތައް ހަދައި ބަލަމުން ދިއުން
  • އިސްކޮޅާ އެކަށީގެންވާ ބަރުދަނެއް ގައި ހަށިގަނޑު ހިފެހެއްޓުން
  • ހާޓް އެޓޭކް ނުވަތަ ސްޓްރޯކެއްގެ ނިޝާންތައް ދެނެގަންނަން ދަސްކުރުން، އަދި މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުން

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ވަކި ޝިއާރެއް ކަނޑައަޅައިގެން މިދުވަސް ފާހަގަކުރުމަށް އެކި ހަރާކާތްތައް ކުރިއަށް ގެންދެވެނީ ހިތުގެ ދުޅަހެޔޮކަމާ ބެހޭ ގޮތުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކަށް ހުށައެޅޭ ހިރާސްތައް ދެނެގަނެ ރައްކާތެރިވެތިބުމަށް ބާރު އެޅުމާއި ހިތުގެ ދުޅަހެޔޮކަމަށް މަގުފަހިވާގޮތަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާތައް އަންގައިދީ ހޭލުންތެރިކުރުމަށެވެ.

މި އަހަރުގައި ހިތުގެ ދުވަހުގެ ޝިޢާރަކީ "Don’t Miss a Beat" އެވެ. މި ޝިއާރުގެ މަޤްސަދަކީ ހިތާއި ލޭހުޅޮޅިތަކުގެ ބަލިތަކުގެ އަލާމާތްތައް ދެނެގަނެ، ފަރުވާ އަވަހަށް ފެށުމަށް ބާރުއެޅުމެވެ. މި ގޮތުން ކޮންމެ މީހަކުވެސް، ހިތުގެ ބަލިން ރައްކާތެރިވުމަށް އަމަލީގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުމާއި، ދުރާލާ ހިތުގެ ބައްޔަށް ސްކްރީންކުރުމަށް އަހުލުވެރިކޮށް ބާރުއެޅުން ހިމެނެއެވެ.