ރަސްމާލޭގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން، ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީ ސަރުކާރަށް އެންމެ ރަނގަޅު ގޮތް ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1،010 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން އެޕާޓްމަންޓްތައް ތަރައްގީކޮށް ވިއްކުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާތީ، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމަށް އިޝާރަތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އުސޫލީ ގޮތުން ބަލާއިރު ރެސިޑެންސީ ޕްރޮގްރާމަކަށް ރާއްޖެ ހުޅުވާލުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް، އީގަލް ހިލްސްގެ ކޮންޓްރެކްޓް އަދިވެސް ފެންނަން ނެތް ކަމަށާއި، އެ އެއްބަސްވުން ހާމަކޮށްފައި ނުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވަނީ މި މަޝްރޫއާ ގުޅޭގޮތުން މިހާތަނަށް އިވިވަޑައިގެންނެވި ވާހަކަތަކުން އެ މަނިކުފާނަށް ފާހަގަކުރެވޭ 2 މައްސަލައެއް ފާހަގަކުރައްވާފައެވެ.

އެގޮތުން އެއީ އެއްބަސްވުމުގެ ދަށުން އެޑްވާންސް ފައިސާ ނުލިބުމާއި، މާލޭ ސަރަޙައްދުގައި އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން، ސަރުކާރަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ މި އެއްބަސްވުން ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ ތެރެއިން، މި މަޝްރޫއަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފާސްކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވަނީ ވިދާޅުވެފައެވެ.