މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު، ޤަޠަރުގެ މިނިސްޓަރ އޮފް ފިނޭންސް ޢަލީ ބިން އަޙްމަދު އަލް ކުވާރީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ގަތަރާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާ ދެޤައުމުން ޝައުޤުވެރިވާ ދާއިރާތަކާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ޒަރީރު ވަނީ، ޤަޠަރ ނޭޝަނަލް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުالله މުބާރަކް އަލް ޚަލީފާއާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މާލީ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިންވެސްޓްމަންޓް އަދި ޑިވެލޮޕްމެންޓް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޒަރީރު، އޯޕެކް ފަންޑުގެ ރައީސް ޑރ. ޢަބްދުލްޙާމިދު އަލްޚަލީފާއާ ވެސް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވަރކް އެގްރީމަންޓްގެ ދަށުން ގުޅިގެން މަަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، އިމަޖެންސީ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ޤާއިމުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

މިނިސްޓަރ ޒަރީރު ވަނީ ކުވައިތުގެ މިނިސްޓަރ އޮފް ފިނޭންސް ޑރ. ޔަޢުޤޫބު އަލް ސައްޔިދު އަލް ރިފާއީއާ ވެސް ބައްދަލުކުރައްވާފައެވެ.