އީގަލްސް ހިލްސް އަށް ރަސްމާލެ އިން ބިން ދޫކުރަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިނެވެ.

ރަސްމާލެއިން ހިއްކާ 1010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ދިނީ އީގަލް ހިލްސްއަށެވެ. ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ.

މި މައްސަލަ އާއި ގުޅިގެން އަލީ ހުސައިން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށް ބުނެ އެތައް ފައިސާއެއް ހަރަދުކޮށްގެން ރަސްމާލެ ހިއްކިއިރު، އެ ތަނުގެ ބޮޑު ބައެއް އެއްވެސް ބިޑުކުރުމެއް ނެތި އީގަލް ހިލްސްއަށް ދިނުމުން ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ.

އޭސީސީއަށް މި މައްސަލަ ހުށަހެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެއްބަސްވުމުގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައި ނުވުމާއި، ގާނޫނުއަސާސީއާ ހިލާފަށް "ހުސްނުވާ 99 އަހަރަށް" ނުވަތަ މުއްދަތެއް ނެތް ގޮތަށް ބިން ދޫކޮށްފައި އޮތުން ހިމެނެއެވެ. އެގޮތުން 99 އަހަރަށް ބިން ދިނުމަށްފަހު، އެތަނުގައި އަޅާ އިމާރާތްތައް ގަންނަ ފަރާތްތަކަށް އަނެއްކާވެސް އިތުރު 99 އަހަރު ދެވޭ ގޮތަށް އޮތުން ގާނޫނާ ކަނޑައެޅިގެން ހިލާފުކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސައިން ވަނީ ގައުމުގެ ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި، އަމިއްލަ ވަޒީފާއަށް ބެލުމެއް ނެތި މިނިވަންކަމާއެކު މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އޭސީސީގެ މެންބަރުންނަށް ގޮވާލައްވާފައެވެ.

އީގަލް ހިލްސް އިން ރަސްމާލޭގެ އާބަން އޭރިއާގައި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުތައް ހިމެނޭހެން ބިޔަ މަޝްރޫއެއް ހިންގަން ރާވާފައިވާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ މިއީ ރާއްޖޭގެ ބިން ނުއަގުގައި ބޭރުގެ ކުންފުންޏަކަށް ”ވިއްކާލުން“ ކަމަށެވެ.