މިހާރު ކުރިއަށް ދާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯގެ ސްޓޯލްގައި މިއަދު "އަމުލް" ބްރޭންޑްގެ ޕްރޮޑަކްޓްތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ތައާރަފްކޮށްފިއެވެ.

އެސްޓީއޯގެ ސްޓޯލްގައި މިއަދު އޮތް ހާއްސަ ހަފްލާގައި ޕްރޮޑަކްޓް ތައާރަފު ކޮށްދެއްވީ އެސްޓީއޯގެ އެކްސްކޯ މެންބަރުންނެވެ. އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން އަމުލްގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކިރާ ބަޓަރާއި ޗީޒް އަދި އައިސްކްރީމްގެ އެކި ބާވަތްތައް އެސްޓީއޯ ޕީޕަލްސްޗޮއިސްއިން ލިބެން ހުންނާނެ ކަމަށެވެ. އެސްޓީއޯގެ ސްޓޯލްގައި މިއަދު އަމުލްގެ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފޮނިކާތަކެތި އަދި އައިސްކްރީމްވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަމުލްއަކީ އިންޑިޔާގެ ކިރުގެ އުފެއްދުންތަކަށް ހާއްސަ ބޮޑު ބްރޭންޑެކެވެ. މި ނަމުގެ އަސްލު މާނައަކީ އާނަންދު މިލްކް ޔޫނިއަން ލިމިޓެޑް އެވެ. އަދި ބްރޭންޑް މުޅިދުނިޔޭގައިވެސް މަޝްހޫރުވެފައި ވަނީ ދަ ޓޭސްޓް އޮފް އިންޑިޔާގެ ގޮތުގައެވެ.

އެސްޓީއޯ އިން ބުނީ ކޮފީ ސްޓޭޓްގެ ހޮވާލެވޭ ބުއިންތަކާއެކު އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓަރ އެންޑް ވިންގެ ނަމުގައި ހަރަކާތެއް ކުރިއަށްދާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރާ ފަރާތްތަކުގައި މެދުގައި ކަމަށާއި، ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ފޮލޯއެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރައްވައިގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއްލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހޮޓަލް އޭޝިއާ އެގްޒިބިޝަން ކުރިއަށްދާނީ މި މަހުގެ 28 އިން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ހުޅުމާލެ ސިންތަޓިކް ޓްރެކްގައެވެ.