ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮށް، ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި އަދި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އެކުލަވާލައިފައިވާ "ބޮގޯޓާ ކޯލް ޓު އެކްޝަން" ޤަރާރުގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

ދިވެހިރާއްޖެގެ ފަރާތުން "ބޮގޯޓާ ކޯލް ޓު އެކްޝަން" ގައި ސޮއި ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ އެވެ.

"ބޮގޮޓާ ކޯލް ޓު އެކްޝަން" އަކީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ކޮލަމްބިއާގެ ބޮގޮޓާގައި ބޭއްވި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭ ފުރަތަމަ ބައިނަލްއަގުވާމީ މަހާސިންތާގައި ބައިވެރިވި ގައުމުތަކުން އިސްނަގައިގެން އިފުތިތާޙުކުރި މުހިއްމު ގަރާރެކެވެ.

ހެލްތް މިނިސްޓްރީން ބުނީ، މި ގަރާރުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުން ކަމަށެވެ.

މި ގަރާރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ގާނޫނީ އަދި ސިޔާސަތުތަކުގެ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި، ކުޑަކުދިން ހިމާޔަތްކުރުމުގެ ނިޒާމުތައް ވަރުގަދަކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، ޑިޖިޓަލް މާޙައަލުތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އިދާރީ ގުޅުންތަކާއި ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމާއި ލާބައާ ގުޅުންހުރި ނިންމުންތަކުގައި އެކުދިންގެ ބައިވެރިވުން މާނަހުރި ގޮތެއްގައި ހިމެނުމަށްވެސް މި ގަރާރުގައި ބާރުއަޅާފައިވެއެވެ.

ބޮގޯޓާ ކޯލް ޓު އެކްޝަންގައި ހިމެނޭ ކަންކަމަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމަށް އިޖާބަދިނުމަށް ދިވެހިރާއްޖެއިން 2024 ވަނަ އަހަރު އެކުލަވާލި 'ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޯންޑިންގ ޓު ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން' އާ ގުޅިލާމެހިފައިވާ ކަންކަމެވެ.

ރާއްޖެއިން އެކުލަވާލި މި ޕްލޭންގެ މައިގަނޑު އަމާޒަކީ އަނިޔާއިން ރައްކާތެރިވުމަށް އިސްކަންދީގެން، ގޭތެރެއާއި، ތައުލީމުދޭ މަރުކަޒުތަކާއި، މުޖުތަމައުގެ ތެރޭގައާއި އަދި އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކުރުމުގައި ވެސް ކުޑަކުދިންނަށް އަމާން އަދި ރައްކާތެރިކަން ލިބޭނެ މާހައުލެއް ކަށަވަރުކޮށްދިނުމެވެ.

މީގެ އިތުރުން، މި ޕްލޭންގައި ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް ވަނީ އިސްކަންދީފައެވެ. މީގެ މަގުސަދަކީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ދުރާލާ ދެނެގަނެ، އެކުދިންނަށް ފުރިހަމަ ރައްކާތެރިކަމާއި، އަޅާލުމާއި އެހީތެރިކަން އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން، އަނިޔާގެ މައްސަލައެއް ހުށަހެޅިއްޖެ ހާލަތުގައި ފޯރުކޮށްދެވޭ ހިދުމަތްތަކަކީ، ރައްކާތެރި އަދި އެކުދިންގެ މަސްލަހަތު އެންމެ އިސްކޮށްގެން ދެވޭ ހިދުމަތްތަކެއްކަން ކަށަވަރުކުރުމެވެ.

ހެލްތް މިނިސްޓްރީން ބުނީ، ބޮގޯޓާ ކޯލް ޓު އެކްޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުއިވެ، ދުނިޔޭގެ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.

މި ގަރާރުގައި ސޮއިކުރުމަށް 29 ސެޕްޓެމްބަރ 2026 ގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ގީލާ އަލީ ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި މާނަހުރި ކުރިއެރުމެއް ހޯދުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް ބޭނުންވެއެވެ.

މީގެ އިތުރުން، ދައުލަތުގެ މުޢައްސަސާތަކާއި، އާއިލާތަކާއި، މަދަނީ ޖަމުއިއްޔާތަކާއި، ތަރައްގީގެ ބައިވެރިން އަދި ކުޑަކުދިން ވެސް ހިމެނޭހެން، މުޅި މުޖުތަމަޢު ބައިވެރިވާ ފުރިހަމަ ނިޒާމެއްގެ ތެރެއިން މިކަމަށް އެހީތެރިކަން ބޭނުންވާކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި އަދި އެކުދިންނަށް ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރ ޤީލާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުޑަކުދިންގެ ހައްގުތަކާއި، ރައްކާތެރިކަމާއި އަދި ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ޔުނިސެފާއި އެހެނިހެން ބައިވެރިން ދެއްވާ އެއްބާރުލުން ފާހަގަކޮށް މިނިސްޓަރ ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު ދިވެހިރާއްޖެއިން ސޮއިކުރި ބައިނަލްއަގުވާމީ ގަރާރުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ކުޑަކުދިންގެ ދިރިއުޅުމަށް ދެމެހެއްޓެނިވި އަދި ދާއިމީ ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ އަމަލީ މަސައްކަތްތަކަކަށް ހެދުމަށްޓަކައި، ރާއްޖެ އާއި އަދި ބައިނަލްއަގުވާމީ އެކި އިދާރާތަކާއިއެކު ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ އިން ވަނީ ދީފައެވެ.