ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމުން މި ސިނގިރޭޓްތައް އަތުލައިގަތީ މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.
ކަސްޓަމްސް އިން ބުނީ، މާލެ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނުގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމެންޓެއް ބަލައިފާސްކޮށް، އެ ޝިޕްމެންޓުގެ ތެރެއިން ގިނަ އަދަދެއްގެ ސިނގިރޭޓް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށެވެ.
އެގޮތުން ޖުމްލަ 8،527،480 (އަށް މިލިއަން ފަސްލައްކަ ހަތާވީސް ހާސް ހަތަރުސަތޭކަ އަށްޑިހަ) ސިނގިރޭޓް ސްޓިކްސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
ކަސްޓަމްސް އިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހާ އެކު، ދުންފަތުގެ އިމްޕޯޓު ޑިއުޓީ ބޮޑުވުމުން ވަގަށް އެ ތަކެތި އެތެރެކުރުމުގެ މައްސަލަ ބޮޑުވި ނަމަވެސް ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ބުނެ ސަރުކާރުން މި ފަހުން ވަނީ އިމްޕޯޓް ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ދަށްކޮށްފަ އެވެ.