ދިވެހި ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުހިންމު ތަފްސީލުތައް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އަށް ފޮނުއްވެވި ސިޓީގައި ކުޑޫ ވަނީ، ރަސްމާލެއިން ބޮޑު ސަރަޙައްދެއް އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމުގައި، އާންމު ބީލަމަކަށް ނުގޮސް އެ ކުންފުނި އިޚްތިޔާރުކުރި ސަބަބާއި އެކަމުގައި އަމަލުކޮށްފައިވާ ގާނޫނީ ހަމަތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

އަދި އެ ބިމާއި އިމާރާތްތައް އެހެން ފަރާތަކަށް ޓްރާންސްފަރ ކުރުމުގައި 99 އަހަރުގެ އައު މުއްދަތެއް ކަނޑައެޅޭ ގޮތްތަކާއި، މި މުއާމަލާތްތަކުން ދައުލަތަށް އިތުރު ފީއެއް ނުވަތަ ޕްރީމިއަމެއް ލިބޭނެތޯ ސާފުކުރުމަށް ވެސް ކުޑޫ ވަނީ ވަޒީރުގެ އަރިހުން އެދިވަޑައިގެންފައެވެ. އޭގެ އިތުރުން، 10 އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއު ފުރިހަމަނުކުރެވިއްޖެނަމަ އެ ބިން އަނބުރާ ދައުލަތަށް ނެގުމުގެ ޝަރުތެއް ނުވަތަ ގާނޫނީ ރައްކާތެރިކަމެއް ހިމެނިފައިވޭތޯ އެ ސިޓީގައި އެއްސެވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެއްވެސް އެޑްވާންސް ނުވަތަ އަޕްފްރަންޓް ފައިސާއެއް ނުލިބޭގޮތަށް މިހާ ދިގު މުއްދަތަކަށް ބިން ދޫކުރުމުން ދައުލަތަށް ލިބޭނެ ސީދާ އަދި ނުސީދާ މާލީ މަންފާތަކަކީ ކޮބައިތޯ ކުޑޫ ވަނީ ސުވާލު ކުރައްވާފައެވެ.

އީގަލް ހިލްސް މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ނައްތާލުމަށް، އެއްބަސްވުމުގެ މައިގަނޑު މާއްދާތައް ރައްޔިތުންގެ މަޖިލީހާއި އާންމުންނަށް ހާމަކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ މެންބަރު ވަނީ ވަޒީރުގެ އަރިހުން ސުވާލު ކުރައްވައިފައެވެ.

ރަސްމާލޭގެ ބިން ދޫކުރުމުގެ ބަދަލުގައި އީގަލް ހިލްސްއިން އަޅައިދޭ 5000 ފްލެޓާއެކު ރާއްޖެއަށް 400-500 މިލިއަން ޑޮލަރު ވަންނާނެ ކަމަށާއި އެ ހަރަދު އުނިކުރާނީ ސަރުކާރަށް ލިބޭ 10 ޕަސެންޓު އާމްދަނީން ކަމަށް މީގެ ކުރިން މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވެއެވެ. އެކަމާ ގުޅިގެން ކުޑޫ ސުވާލުކުރެއްވީ އެ 5000 ފްލެޓަކީ ހިލޭ އަޅައިދޭ އެއްޗެއްތޯ ނުވަތަ އަނބުރާ ދައްކަންޖެހޭ ލޯނެއްތޯއެވެ. އަދި ފަހުން އަންދާޒާކުރި ވަރަށް އާމްދަނީ ނުލިބި، ސަރުކާރުން އެ ބޯހިޔާވަހިކަމަށް ސަބްސިޑީ ދޭންޖެހޭ ހާލަތެއް އަތުވެދާނެތޯ ސުވާލުކުރެއްވިއެވެ.

އެ މަޝްރޫއާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ނައްތާލުމަށް ޓަކައި އެއްބަސްވުމުގެ މާއްދާތައް މަޖިލީހަށާއި އާންމު ރައްޔިތުންނާ ހިއްސާކުރުމުގެ ވިސްނުމެއް ގެންގުޅެންތޯ ވެސް އެ ސިޓީގައި އޭނާ އެއްސެވިއެވެ.

އެ މަޝްރޫއުގެ ސަބަބުން 54،000 ވަޒީފާ އުފެދޭނެ ކަމަށް ސަރުކާރުން ބުނާއިރު، އޭގެ ތެރެއިން ދިވެހީންނަށް ހާއްސަވަނީ ކިހާ މިންވަރެއްގެ ދާއިމީ މަތީ ފެންވަރުގެ ވަޒީފާތަކެއްތޯ އާއި އޭގެ ތެރެއިން ވަގުތީ ކޮންސްޓްރަކްޝަން ވަޒީފާތަކުގެ އަދަދު ސާފުކޮށްދެއްވުމަށް ވެސް ކުޑޫ އެދިވަޑައިގަތެވެ.