އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ވިލަރެސް ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ އިރުޝާދުގެ ދަށުން ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފައި ވާއިރު، މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާގޮތުގައި، މި ކެމްޕެއިން ފެށުމަށް ޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުޒާރާގެ ފަރާތުން މިހާރު ދަނީ ވަމުންނެވެ. މިއީ ރައީސްގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން އެމަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ގައުމީ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ކަންކަން ވިލަރެސްކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ މި ކޮމިޓީގައި ކަމާގުޅުންހުރި ވުޒާރާތަކާއި މުއައްސަސާތައް ހިމެނޭހެން ޖުމްލަ 9 މެންބަރުން ހިމެނެއެވެ.

އެގޮތުން ކޮމިޓީގައި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (އިބްރާހިމް ސޮބާހް / ޑެޕިއުޓީ މިނިސްޓަރ)، ދާޙިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރ (ނަސްރީނާ އިދްރީސް / ޑިރެކްޓަރ)، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ (އަލީ ފަހުމީ / ކެޕްޓަން)، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ (މުޙައްމަދު ނާތީމް / އެޑިއުކޭޝަން ސްޕްރިންޓެންޑެން)ގެ އިތުރުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ (އަޙްމަދު އައިމަން / ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް އްންޑް ޕަބްލިކް އެންޓަޕްރައިޒަސް) އަދި ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާ (މަރްޔަމް ލަހުފާ ޙަލީލް / ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ) ހިމެނެއެވެ.

މީގެ އިތުރުން، އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ (އައްޝައިޚް އަޙްމަދު ފަހުމީ ދީދީ / ވާއިޡް)، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ (ޝާދިޔާ އަޙުމަދު / ޑިރެކްޓަރ) އަދި ޕަބްލިކް ސާވިސް މީޑިއާ - ޕީއެސްއެމް (އިބްރާހިމް އިޤްބާލް - އެގްޒެކެޓިވް ޑިރެކްޓަރ ކޮންޓެންޓް މޮނިޓަރިންގ އެންޑް އިވެންޓްސް ކޯޑިނޭޝަން)ވެސް މި ކޮމިޓީގައި ހިމެނެއެވެ.

މިއަދު ބޭއްވުނު މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށްގެންދަން ރޭވިފައިވާ ގޮތްތަކާއި، މި މަޝްރޫއުގައި ކޮމިޓީން އަދާކުރާނެ ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާއިރު، މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ހިޔާލުވެސް ވަނީ ބަދަލުކުރައްވާފައެވެ.