އަމީނީމަގުގެ 2 ވަނަ ސެގްމަންޓުގައި ތާރު އަޅައި ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)ން އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ދެވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުން ތާރުއަޅައިގެން ތަރައްގީކޮށްފައި އޮތް އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާއި ގުޅިގެން އެ ސަރަހައްދު މަރާމާތުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެތެރޭގައެވެ. މަގުގެ މަސައްކަތް އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރަމުންދާއިރު ސެގްމަންޓް 1 ގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުކައިރީ އޮންނަ ޕާކާ ހަމައަށް ތާރުއެޅުމުގެ މަސައްކަތެވެ. އަދި އެ ސެގްމަންޓުގެ ތާރު އެޅުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.
ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ސެގްމަންޓު މަރަމާތުކުރުމުގެ މަސައްކަތް މިމަހުގެ 23 ވަނަ ދުވަހު ފަށާފައިވާ އިރު، އެ ސަރަހައްދުގައި ކުރިން އަޅާފައިވާ ތާރު ގަނޑު ނެގުމަށްފަހު އަލުން މިހާރު ތާރު އަޅައި ނިންމާލާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އެމްޓީސީސީން ބުނީ، އަލަށް މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ދެ ފަށަލައަށް ތާރު އަޅަމުންދާ ކަމަށެވެ.
މީގެ އިތުރުން، އަމީނީމަގުގެ ފުރަތަމަ ފިޔަވަހީގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޔުޓިލިޓީ ޖަންކްޝަންތައް އެއްވަރުކުރުމުގެ މަސައްކަތް ނިންމާ އެމަގު ހުޅުވާލުމަށް އެމްޓީސީސީއިން ދަނީ ތައްޔާރުވަމުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަހައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް ފަންނީ ބޭފުޅުން ފާހަގަކުރެއެވެ. ހާއްސަކޮށް އެ ސަރަހައްދަކީ ބަސްދަތުރުކުރާ ސަރަހައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުސަތު އޮންނަކަމަށްވެސް ފަންނީ ބޭފުޅުން ބުނެއެވެ.