ރަސްމާލެއިން ހިއްކާ 1010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް އަށް ދޭން ނިންމާފައިވަނީ ގާނޫނު އަސާސީ އާ ޚިލާފަށްކަމަށް ކަނޑައަޅައި އެކަން ހުއްޓުވައިދިނުމަށް އެދި ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް އަށް ދިނުމަށް ނިންމާ ދިވެހި ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. އެއީ ރަސްމާލޭފައި މޯލްޑިވްސް ވޯޓަރފްރޮންޓް އެންޑް މެރީނާ މަޝްރޫޢު ކުރިޔަށްގެންދިޔުމަށެވެ. އެއްބަސްވުމުގައިވާ ގޮތުން އެކުންފުންޏަށް އެ ބިން ދީފައިވަނީ 99 އަހަރުގެ މުއްދަތަށެވެ. އެއްބަސްވުމުގައި ހުރި ކަންކަމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ކަންބޮޑުވުންތައް ފާޅުކުރަމުންދަނިކޮށް މިއީ ޤާނޫނު އަސާސީ އާ ޚިލާފު އެއްބަސްވުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި މިމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރ އަލީ ހުސައިންއެވެ.
އަލީ ހުސައިން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ރަސްމާލޭގައި ތަރައްގީކުރެވޭ ތަންތަން ތިންވަނަ ފަރާތަކަށް ވިއްކާ ހާލަތުގައި ވާރުތައިން ލިބޭ ހާލަތުގައި ތިންވަނަ ފަރާތަކަށް އެ ތަންތަނުން އިތުރު 99 އަހަރަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ށ) އާ ތައާރުޒުވާ ކަމަށް ވެސް ސްޕްރީމް ކޯޓަށް އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއްކަމަށް ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އޮތުމަށް ރިއާޔަތްކޮށް އެއްބަސްވާއި އެ އެއްބަސްވުން އެކުލަވައިލުމަށް ނިންމި ނިންމުން ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ.
އެ މައްސަލައިގައި ވަކި ގޮތެއް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުން މަޑުޖައްސައިލުމަށާއި އެ އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ ބިމުގެ އެއްވެސް ބައެއްގެ މައްޗަށް އީގަލް ހިލްސް އަދި ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އަލީ ހުސެއިން އެދިފައިވެއެވެ.