ވިލިމާލެ ފަޅުތެރެ ތަރުތީބުކޮށް ބެލެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ގަވާއިދާ ހިލާފަށް ފަޅު ބޭނުންކުރަމުންދިޔަ 12 އުޅަނދެއްގައި މާލެ ސިޓީ ކައުންސިލުން ޖޫރިމަނާ ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ގޮތުގައި، މި އުޅަނދުތަކަކީ ގަވާއިދުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، އުސޫލުތަކާ ހިލާފަށް ފަޅުތެރޭގައި ބާއްވާފައިވާ އުޅަނދުތަކެކެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ހުރި މި އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވަނީ ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ވިލިމާލޭގެ ފަޅަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ސަރަހައްދެއްކަން ފާހަގަކޮށް މާލެ ސިޓީ ކައުންސިލުން ބުނީ، ފަޅުތެރޭގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ހުއްދަ ނެތި ފަޅު ބޭނުންކުރާ އުޅަނދުތައް މަދުކުރުމަށް ކައުންސިލުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ފަޅު ބޭނުންކުރުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުންވެސް އިހްތިރާމްކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް ހުންނަ އުޅަނދުތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް ފިޔަވަޅު އަޅަމުންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.