މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ އަނބިކަނބަލުން، ޑރ. ސިޓި ހަސްމާ މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެކަމަނާއަކީ މެލޭޝިއާގައި އުފެދުނު އެންމެ ފުރަތަމަ އަންހެން ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށާ، މައިންގެ ސިއްހަތާއި، ރަށްފުށު ހިސާބުގައި ދިރިއުޅޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރެއްވި ބޭފުޅެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި އޭގެ ސަބަބުން މި ހިތާމަވެރި ދަނޑިވަޅުގައި، އެކަމަނާ ޒިކުރާކުރެވިގެންދާނީ ޝުކުރުވެެރިކަމާއި ގަދަރުވެރިކަމާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި، މިންތީގެ ހަމަހަމަކަން ގާއިމްކުރުމާައި، އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް އެކަމަނާގެ އިސްނެންގެވުމާއެކު ހިންގުނު ކާމިޔާބު މަޝްރޫއުތަކަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެފަދަ މަޝްރޫއުތަކުން، އެކަމަނާ މުޖުތަމައަށް ކޮށްދެއްވާފައިވާ ހިދުމަތްތަކާއި އަންނަން އޮތް ޖީލުތައް ބާރުވެރިކުރުމުގައި އަދާކުރައްވާފައިވާ ދައުރު ފެނިގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އާއިލާއަށް އިހްލާސްތެރި ތައުޒިޔާ އަރިސްކުރައްވާފައިވެއެވެ. އަދި، ހިދުމަތްތަކުގެ ހަނދާންތަކުން މަރުހޫމްގެ އާއިލާއަށް ހިތްވަރާއި ތަސައްލީ ލިބި، މި ހިތާމައިގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް، ކެތްތެރިކަން ދެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި، މަރުހޫމްގެ ހަޔާތާއި، ހިދުމަތާއި، އުސޫލުތަކުގެ ޒިކުރާއިން ހިތްވަރާއި ތަސައްލީ ލިބި، މި ހިތާމައިގައި ބައިވެރިވާ މެލޭޝިއާގެ އެންމެހާ ރައްޔިތުންނަށް، ކެތްތެރިކަން ލިބުމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ އަނބިކަނބަލުން، ޑރ ސިޓި ހަސްމާ މުހައްމަދުގެ ފުރާނަފުޅަށް، ރަހްމަތްލައްވައި، ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވުމަށް އެދިވަޑައިގެން މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާފައި ވެއެވެ.

ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ އަނބިކަނބަލުން، ޑރ ސިޓި ހަސްމާ މުހައްމަދު ނިޔާވެފައިވަނީ، އުމުރުން 100 އަހަރުފުރުނުތާ، 2 މަހާއި 16 ދުވަސް ފަހުންނެވެ.