"ކެމިކަލް ވިއްކުމުގެ ހުއްދަ" ނެގުމަށް ދިފާއީ އަދި ވަތަނީ ހިދުމަތާއި ބެހޭ ވުޒާރާއިން އިތުރު 1 މަސް ދީފިއެވެ.

ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކުމާއި ގުޅިގެން އެ ވުޒާރާއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން އެ ކެމިކަލްތައް ވިއްކުމަށްޓަކައި، "ކެމިކަލް ވިއްކުމުގެ ހުއްދަ" ނެގުމަށާއި، ނުރައްކާތެރި ކެމިކަލް ވިއްކުމަށްޓަކައި އެ ކެމިކަލް ސްޓޯރ ކުރާ ނުވަތަ ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރަޖިސްޓަރ ކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށެވެ.

ނަމަވެސް އެ މުއްދަތުގައި ކެމިކަލް ވިއްކާ ފިހާރަތައް ރަޖިސްޓްރީކުރުމާއެކު ހުއްދަ ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދު މަދު ކަން ފާހަގަކުރެވިފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.

އެހެންކަމުން ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން "ކެމިކަލް ވިއްކުމުގެ ހުއްދަ" ނެގުމަށާއި، ވިއްކުމަށްޓަކައި އެ ކެމިކަލް ސްޓޯރ ކުރާ ނުވަތަ ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރަގިސްޓަރ ކުރުމަށް ދީފައިވާ މުއްދަތު މިއަދުން ފެށިގެން 1 މަސް ދުވަސް އިތުރުކުރަން އެ ވުޒާރާއިން ވަނީ ނިންމާފައެވެ.

އެ ވުޒާރާއިން ވަނީ އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ކެމިކަލް ވިއްކަމުނަދާ ފަރާތްތަކާ މެދު ނުރައްކާތެރި ކެމިކަލާ ބެހޭ ގަވައިދު 2019ގެ ދަށުން ފިޔަވަޅު އަޅައި، އެ ފަރާތްތަކަށް ނުރައްކަތެރި ކެމިކަލް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އިތުރަށް ދެވެން ނޯންނާނެ ކަމަށްވެސް ބުނެފައެވެ.