މާލޭގެ މަގުތަކަކީ އަމާން، ރައްކާތެރި އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، މި އަހަރުގެ މިހާތަނަށް މާލޭގެ 180 މަގެއް މަރާމާތުކޮށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލްގެ ރޯޑް މެނޭޖްމަންޓް ސެކްޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 12 މަގެއް މަރާމާތުކޮށްފައިވާއިރު، ފެބްރުއަރީ މަހު 23 މަގެއް މަރާމާތުކޮށްފައިވާ ކަމަށެވެ. އަދި މާރިޗު މަހު 28 މަގު، އޭޕްރީލް މަހު 15 މަގު، މެއި މަހު 20 މަގު، ޖޫން މަހު 19 މަގު އަދި ޖުލައި މަހު 18 މަގެއް ވަނީ މަރާމާތުކޮށްފައި ކަމަށް އެ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މަގު މަރާމާތުކޮށްފައި ވަނީ ނިމިދިޔަ އޮގަސްޓް މަހު ކަމަށާއި އެ މަހުގެ ތެރޭގައި އެކަނިވެސް 45 މަގެއް ވަނީ މަރާމާތުކޮށް ނިންމާފައި ކަމަށެވެ.

މީގެ އިތުރުން، މިހާރުވެސް މާލޭގެ ތިން މަގެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެއީ މާފަތްތަކުރުފާނު މަގާއި، ފާށަނާކިލަގެފާނު މަގުގެ އިތުރުން ސަތަރު ގޯޅި ކަމަށް އެ ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަގުތަކާއި މަގުތަކުގެ ޕޭވްމަންޓްތައް މަރާމާތުކުރުމުގެ މަސައްކަތަކީ އާންމު ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އިސްކަންދީގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަކީ ކައުންސިލްގެ މުހިންމު އަމާޒެއްކަން އާޒިމް ފާހަގަކުރެއްވިއެވެ.

ވެރިރަށް މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް، އަމާން ވެއްޓެއް ޤާއިމުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން މެދުނުކެނޑި މި މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތްތައް ކުރިއަށްވުރެ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވާފައެވެ.