މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތު ފޯރުކޮށްދިނުމުގައި އިދާރާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް، އދ.އާއެކު މަސައްކަތް ކުރަމުން އަންނަކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ކަންކަން ސާފުކުރުމަށްޓަކައި މައުލޫމާތަށް އެދޭ މިންވަރު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށާއި، މި އަހަރުގެ މިހާތަނަށް އެ އިދާރާއަށް 745 ކޭސް ހުށަހަޅާފައިވާ ކަމަށެވެ.

https://www.facebook.com/share/1Hb5NV3gmY/

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ އޭގެ ތެރެއިން 260އަށްވުރެ ގިނަ ކޭސް ނިންމާފައިވާ ކަމަށާއި، މަދު މުވައްޒަފުންތަކެއް މަސައްކަތް ކުރާ އެ އޮފީހަށް އެވްރެޖުކޮށް ދުވާލަކު މަދުވެގެން ހަތަރު ހުށަހެޅުން ހުށަހަޅާކަމަށެވެ.

ހުށަހެޅުންތައް އިތުރުވުމަކީ ކާމިޔާބީއެއް ނޫންކަމަށާއި، ކާމިޔާބީއަކަށް ވާނީ، އަމިއްލަ އިސް ނެގުމުގެ މަތީން ދައުލަތުގެ އިދާރާތަކުން މައުލޫމާތު އާންމުކުރަމުން ދިޔުމުން ރައްޔިތުން މައުލޫމާތު ހޯދުމަށް އިދާރާތަކުގައި އެދެން ޖެހޭ މިންވަރު މަދުވުމުން ކަމަށް އެ އޮފީހުން ބުނެއެވެ. އެހެން އެކަން ވެއްޖެ ނަމަ ރައްޔިތުންނަށާއި ދައުލަތުގެ އިދާރާތަކަށް ވެސް ވަރަށް ބޮޑު ލުއިފަސޭހައަކަށްވާނެ ކަން ފާހަގަކޮށް އެ އޮފީހުން ވަނީ، މި ނުކުތާއަށް ސަމާލުކަން ދިނުމަށް ދައުލަތުގެ ހުރިހައި އިދާރާއަކަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ފަސާދައިން ސަލާމަތްވެފައިވާ ނަޒާހަތްތެރި ދައުލަތެއް ބިނާކުރުމަށްޓަކައި މައުލޫމާތަށް އެދުމާއި ލިބިގަތުމުގެ ހައްގަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވީ ނަމަވެސް، ބައެއް މުއައްސަސާތަކުން އެކަމަށް ދޭ ސަމާލުކަން އަދިވެސް ކުޑަކަން ފާހަގަކުރައްވާފައެވެ.

މިގޮތުން އެއީ އިދާރާތަކަށް ކުރިމަތިވެފައިވާ ދަތިތަކާ ހުރެ ދިމާވާ ކަމެއް ކަމަށް ވެދާނެ ކަމުގައި ވެސް އެ އޮފީހުން ބުނެއެވެ.

އެހެންކަމުން އެފަދަ ދަތިތައް ހައްލުކުރުމުގައި އެހީތެރިވެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސޭތޯ އދ.ގެ ތަރައްގީއާ ބެހޭ ޕްރޮގްރާމާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީ ހަމައެކަނި ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ލިޔެވިފައި އޮންނަން ޖެހޭ ޤާނޫނީ އުޞޫލެއް ނޫންކަމަށެވެ. އަދި އެއީ ދިމިޤްރާތީ މުސްތަޤްބަލު ބައްޓަންކުރުމަށާއި ސުލްހަވެރި އަމާން މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ބޭނުން ހައްގެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 28ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދުވަހެވެ.