ތައިލެންޑަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ޙާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެޤައުމުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލްއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ މެސެޖުގައި، ތައިލެންޑުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތައިލެންޑުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ކަރަންޓުގައި ޖެހުމާއި ގެނބުމުގެ ޙާދިސާތަކުގައި، ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރައްވާފައިވެއެވެ.
މީގެއިތުރުން، މި ޙާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މިކާރިސާއިން އަރައިގަތުމަށްޓަކައި، މިހާރު ކުރިއަށްދާ މަސައްކަތްތައް އެއްވެސް ހުރަހެއްނެތި ކުރިއަށްގޮސް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް ތަސައްލީއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް، އެމަނިކުފާނު ވިދާޅުވެފައިވެއެވެ.