ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލްއަށް ނިސްބަތްވަ އުމުރުން 47 އަހަރުގެ ނިއްކަ ތަމަންގް އާއި، އުމުރުން 40 އަހަރުގެ އީތްރާނީ ގަލެ އެވެ.
ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ރާއްޖެއައި އިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެ މީހުން ފުލުހުންނާ ހަވާލުކުރުމުން ޑްރަގް އެންފޯސްމަންޓުން އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.
އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 142 ބުލެޓް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށްވުރެ ގިނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.