ހުޅުމާލެ ފޭސް1 ގައި ހަދާފައިވާ ސިންތެޓިކް ޓްރެކް ހަލާކުވެފައިވާތީ، ބައިނަލްއަގްވާމީ ސްޓޭންޑަޑްގެ އައު ސިންތެޓިކް ޓްރެކެއް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "އަހާ" ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި މިހާރު އަޅާފައިވާ ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކެއް ނޫން ކަމަށެވެ. އަދި ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، މިހާރު އޮތް ޓްރެކްގެ ބަދަލުގައި ދެން ގާއިމުކުރާ ޓްރެކް ވެގެންދާނީ ވޯލްޑް އެތުލެޓިކްސްއިން ގަބޫލުކުރާ ފެންވަރުގެ ޓްރެކަކަށް ކަމަށެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކްގެ އިތުރުން މާލެ ސިންތެޓިކް ޓްރެކްވެސް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.