ށ. ފުނަދޫގައި ގާއިމުކޮށްފައިވާ ފެޑް ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "އަހާ" ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ފެޑް ސެންތަރުތަކަށް ވަރަށް ޑިމާންޑު ބޮޑު ކަމަށާއި، އެގޮތުން ފުނަދޫ އިން އެ މަސަކަތްކުރުމަށް ލިބިފައިވާ ބިން މިހާރު ސާފުކޮށް، ރަސްމީކޮށް އެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ފެށޭ އޮކްޓޫބަރު މަހު އެ މަސައްކަތް މިހާރާށް ވުރެ ބާރު ދުވެލީގައި ފެށިގެންދާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

" މި އަންނަ އަހަރު އަޅުގަނޑުމެންގެ އަމާޒަކީ ޖޫން މަހުގެ ކުރިއަށް ފުނަދޫގެ ފެޑް ސެންޓާގެ މަސައްކަތް ނިންމުން"

ވަޒީރު އަހުމަދު ޝިޔާމް

ފުނަދޫގައި އައިސް ޕްލާންޓް އެއް ގާއިމު ކުރެވިފައިވާ ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އޭގެ އިތުރުން ވެސް މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅުން ހުރި ވަރަށް ގިނަ މަސައްކަތް ށ. އަތޮޅުގައި މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެ ވުޒާރާއިން ހިންގާ ޕްރޮޖެކްޓްތައް މޮނީޓާ ކުރުން ފަދަ ބޭނުންތަކަށް ބައެއް ސިޔާސީ ބޭފުޅުން އެ ބޭފުޅަކު ނިސްބަތްވާ ރަށުގައި ވަކި މުއްދަތަކަށް މަސަކަތުގެ ކަންކަން ހިނގާ ގޮތް ބެއްލެވުމަށް ތިއްބަވާ ކަމަށެވެ. އެގޮތުން ފުނަދޫގެ ފެޑް ސެންޓަރުގެ މަސަކަތް ކުރިއަށްދާ ގޮތް ބެލުމަށް ވެސް ސިޔާސީ ބަޔަކު އެ ރަށުގައި މަޑުކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.