މާލެ ސަރަޙައްދުގައި ހިނގާ ނުރައްކާތެރި މަގުމަތީގެ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެދި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲއަށް ފޮނުއްވި އެ ސިޓީގައި ކުޑޫ ފާހަގަކުރައްވާފައިވާ ގޮތުގައި، އާންމުވަމުން އަންނަ މަގުމަތީގެ އެކްސިޑެންޓުގެ ސަބަބުން އެތައް ރައްޔިތުންނެއްގެ، ހާއްސަކޮށް ޒުވާނުންގެ ފުރާނަ ގެއްލި، ގިނަ ބަޔަކު ވަނީ އުމުރު ދުވަހުގެ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން 4 އޮގަސްޓް 2025 ގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑީޝަރީ ކޮމިޓީގެ ޚާއްޞަ އަޑުއެހުމެއް ބޭއްވުމަށް އެދި ސިޓީއެއް ހުށަހަޅާފައިވީ ނަމަވެސް، އަދިވެސް ޙައްލެއް ލިބިފައި ނުވާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އެ ސިޓީގައި ވަނީ، ޤާނޫނުލްޢުޤޫބާތު 9/2014 ގެ 112 ވަނަ މާއްދާގައި ފަރުވާތެރިކަން ކުޑަކުރުމުގެ ސަބަބުން މީހަކު މަރުވުމުގެ ޖިނާއީ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތް ނަމަވެސް، ތަޙުޤީޤު ދިގުލައި، ދަޢުވާ އުފުލުން ލަސްވެ، ޤަޟިއްޔާތައް ނުނިމި ގިނަވުމަކީ ޢަދުލުގެ ނިޒާމަށް އޮތް އިތުބާރު ކުޑަވާ ކަމެެއްކަން ފާހަގަކޮށްފައެވެ.
މިފަދަ މައްސަލަތަކުގެ މިހާރުގެ ހާލަތު ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކޮމިޓީން ސާފުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަ ހައްލުކުރުމަށް ކުޑޫ ހުށަހަޅުއްވާފައިވާ ކަންތައްތައް:
1. މާލެ ސަރަޙައްދުގެ ޙާދިސާތަކާ ގުޅޭ އާންމު އަޑުއެހުމެއް ބޭއްވުން
2. ފުލުސް، ޕީޖީ، ޓްރާންސްޕޯޓް މިނިސްޓްރީ ހާޒިރުކޮށް ތަފާސްހިސާބު ސާފުކުރުން
3. ޢުޤޫބާތާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނެސް އަދަބު ބޮޑުކުރުން
4. ކޮމްޕްރެހެންސިވް އިންޝުއަރެންސް ލާޒިމުކުރުން
5. ތަޙުޤީޤާއި ޝަރީޢަތް ލަސްވާ ސަބަބު ބެލުން
6. ފުރާނަ ގެއްލޭ ޙާދިސާތަކަށް ޓައިމްލައިން ކަނޑައެޅުން
7. ސްޕީޑް މޮނިޓަރިންގ ކެމެރާ ޤާއިމުކުރުން
8. މަގުމަތި މޮނިޓަރ ކުރުމަށް ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ބަޖެޓް ދިނުން
ކުޑޫގެ ސިޓީގައި ބުނީ މިކަމުގެ އަސްލު މަގުސަދަކީ މަގުމަތީގެ ނުރައްކާތެރި ހާދިސާތަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުން ކަމަށާއި، ހާދިސާއެއް ހިނގާ ހާލަތުގައިވެސް ޖިނާއީ އަދުލުގެ ނިޒާމު އެންމެ ހަރުދަނާ އަވަސް މިނެއްގައި ހިނގާކަން ކަށަވަރުކުރުން ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގެ ނާޒުކު ކަމަށް ރިއާޔަތްކުރައްވައި އެ ހުށަހެޅުން ބަލައިގަނެ ކަމާބެހޭ މުއައްސަސާތައް ގެނެސް އަޑުއެހުންތައް ކުރިއަށްގެންދަވައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދާއިމީ އަދި އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.