ސަރުކާރުން ތަޢާރަފުކުރަން ނިންމާފައިވާ "މޯލްޑިވްސް ޕާރލް ރެސިޑެންސީ" ޕްރޮގްރާމާ ގުޅިގެން ޢަދާލަތު ޕާޓީގެ ފަރާތުން މައުލޫމާތު ސާފުކުރުމަށް އެ ޕާޓީގެ ލީޑަރޝިޕުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުއާ ބައްދަލުކުރައްވައިފިއެވެ.
އަދާލަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާންގެ އިތުރުން އިސް ލީޑާރޝިޕުން އިކޮނޮމިކް މިނިސްޓަރު ސަޢީދާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެގޮތުން އެ ޕާޓީން މިނިސްޓަރާ ބައްދަލުކުރެއްވީ ދިވެހި ސަރުކާރުން ތަޢާރަފު ކޮށްފައިވާ "މޯލްޑިވްސް ޕާރލް ރެސިޑެންސީ" ޕްރޮގްރާމާ ގުޅިގެން ޢަދާލަތު ޕާޓީގެ ފަރާތުން ސާފުކުރަން ބޭނުންވާ މުހިންމު ކަންކަން އޮޅުންފިލުވުމަށްޓަކައި ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ހެންލީ އެންޑް ޕާޓްނާސް ކިޔާ ބައިނަލްއަގްވާމީ މަޝްހޫރު ކުންފުންޏަކާ ހަވާލުކޮށްގެން ފަރުމާކޮށްފައިވާ ޕާރލް އެންޑް ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ބޭރު ފައިސާ ވެއްދުމާއި އިގްތިސާދީ ތާށިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފެށި މަޝްރޫއެކެވެ. އެއީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމެންޓުތައް ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ސަރުކާރުން ތަޢާރަފުކުރާ ވިސާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން އިންވެސްޓަރުންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ޔަގީންކަމާއެކު ތިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގްރާމާ ގުޅޭގޮތުން ސިޔާސީ ބަހުސްތަކާއި ޚިޔާލު ތަފާތުވުންތައް އޮތް ނަމަވެސް، ސަރުކާރުން ދަނީ މިކަމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.