"ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ ސެރެމަނީ 2026" ގައި އިންޑިއަން އޯޝަންސް ލީޑީންގ ޑެސްޓިނޭޝަނާއެކު ދިވެހިރާއްޖެއިން ފަސް އެވޯޑެއް ހާސިލުކޮށްފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހު ސެޕްޓެމްބަރު 27 ގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން 2026، އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2026، އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން 2026 އަދި އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2026 ހިމެނެއެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަށް ވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޓޫރިސްޓް ބޯޑު 2026 ގެ ލަގަބު ލިބިފައެވެ.
ވީއެމްސީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން މި ހަފުލާގައި ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ 15 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ބްރޭންޑްތަކުން ރާއްޖެއާއި އިންޑިއާ ކަނޑުގެ އެކި ދާއިރާތަކުން އެވޯޑްތައް ހާސިލުކޮށްފައިވާ ކަމަށް ވީއެމްސީން ބުނެއެވެ. މީގެ ތެރޭގައި ރިސޯޓްތައް، ލަގްޒަރީ ހޮސްޕިޓަލިޓީ، އޭވިއޭޝަން، ޑައިވިންގ، އާއިލީ އަދި ހަނީމޫން ދަތުރުތައް، ޕްރައިވެޓް އައިލެންޑް ތަޖުރިބާތައް، ސުޕަރ ޔޮޓް ފަތުރުވެރިކަން އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ދާއިރާތައް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފައުންޑަރ އަދި ޕްރެޒިޑެންޓް ގްރަހަމް ކުކް އާއި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި ޝަރަފުވެރި މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވީއެމްސީން ބުނީ މި ފަސް އެވޯޑާއެކު، ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކުގެ ސިލްސިލާ އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ.
ރާއްޖެއަކީ 2020 އިން 2025 އަށް ޖެހިޖެހިގެން ހަ އަހަރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ މަގާމު ހޯދާފައިވާ ގައުމެކެވެ. މީގެ އިތުރުން، އެކި އަހަރުތަކުގެ މަތިން "ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު"، "ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން" އަދި "ވޯލްޑްސް ލީޑިންގ ބީޗް ޑެސްޓިނޭޝަން" ފަދަ ޝަރަފުވެރި މަގާމުތައްވެސް ރާއްޖެއިން ވަނީ މީގެ ކުރިންވެސް ކާމިޔާބުކޮށްފައެވެ.
2026 ވަނަ އަހަރުގެ ގާލާ ރަސްމިއްޔާތުގައި ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް ބައިވެރިވިއެވެ. މީގެ ތެރޭގައި ޓޫރިސްޓް ބޯޑުތައް، ހޮޓާތަކާއި ރިސޯޓްތައް، އެއާލައިންތައް އަދި ފަތުރުވެރިކަމުގެ މީޑިއާތައް ހިމެނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް ބޭއްވުނު މި ހަފުލާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރު ކުރުމަށް ފުރުސަތު ލިބިގެންދިޔައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވަނީ، ރާއްޖެ އިޝްތިހާރު ކުރުމުގައި ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ، 1972 ވަނަ އަހަރު އެންމެ ދެ ރިސޯޓާއެކު ފެށުނު ރާއްޖޭގެ ފަތުރުވެރިކަން މިއަދު ދުނިޔޭގެ އެންމެ ކާމިޔާބު އެއް ވާހަކައަށް ވެފައިވާ ކަމަށެވެ.
ވީއެމްސީން ބުނީ މި ރަސްމިއްޔާތު ކާމިޔާބުކަމާއެކު ބޭއްވުމުގައި އެކި ބައިވެރިންގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއަކީ ޓައިޓަލް ސްޕޮންސަރެވެ. އަދި ހޯސްޓް ޕާޓްނަރަކީ ކްރޮސްރޯޑްސް މޯލްޑިވްސްއެވެ. މީގެ އިތުރުން އުރީދޫ، ޕްރިންޓް ލެބް، އެލައިޑް އިންޝުއަރެންސް، އެމް.އޭ.ސީ.އެލް، ޖަލްބޫތު، އިވެންޓް މޯލްޑިވްސް، މޯލްޑިވިއަން، އެސް.ޓީ.އޯ އެނަޖީ އަދި އެހެނިހެން ބައިވެރިންގެ އެހީތެރިކަން މި ހަފުލާއަށް ލިބިފައިވެއެވެ.
ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ، މި ލިބުނު ފަސް އެވޯޑަކީ ދިވެހި ފަތުރުވެރިކަމުގެ ވަރުގަދަކަމާއި މުއްސަނދިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއިން ފޯރުކޮށްދޭ ފެންވަރު ރަނގަޅު ޚިދުމަތްތަކާއި ތަފާތު ތަޖުރިބާތަކުގެ ނަތީޖާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.