މާދަމާ ފެށޭ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ ސްޓޯލް މިފަހަރު ހާއްސަކުރެވިފައިވަނީ އެސްޓީއޯގެ ޖެނެރަލް ޓްރޭޑިންގ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާރޖީ އަށެވެ.

އެ ކުންފުނިން ބުނީ، އެސްޓީއޯގެ ސްޓޯލްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އެސްޓީއޯ ސުޕާމާކެޓްއިން ލިބޭ ބައެއް ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ލުއި ކާނާ ވަގުތުން ތައްޔާރުކުރާ ސްޓޭޝަންއެއް ހުންނާނެ ކަމަށެވެ. އަދި އެގްޒިބިޝަން ކުރިއަށްދާ 3 ދުވަހުވެސް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭލިބިގެންދާނެ ކަމަށް ވެސް އެސްޓިއޯ އިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ގެންނަ ބައެއް ޕްރޮޑަކްޓްތަކާބެހޭ މައުލޫމާތު ސްޓޯލްއިން ފޯރުކޮށްދޭން ނިންމާފައިވާއިރު، އާ ބްރޭންޑެއް އެސްޓީއޯއިން ތައާރަފްކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މިބްރޭންޑް ތައާރަފް ކުރާނީ މި އެގްޒިބިޝަންގެ ދެވަނަ ދުވަހުއެވެ. އަދި މި ޕްރޮޑަކްޓް ބޭނުން ކޮށްގެން ތައްޔާރުކުރާ އައިސްކްރީމްއާއި ފޮނިކާތަކެތި ރަހަ ބެލުމުގެ ފުރުސަތުވެސް އެސްޓީއޯ ސްޓޯލްއިން ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ ސްޓޯލްގައި އެސްޓީއޯގެ އެނާޖީގެ ފަރާތުން މިއަހަރު ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ތެޔޮ އުފުލައިދިނުމުގައި އެސް.ޓީ.އޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުދީ، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑުތަށް ހުރިނެތްގޮތްބަލާނެއެވެ.

މީގެ އިތުރުން އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓަރ އެންޑް ވިން ގެ ނަމުގައި ހަރަކާތެއް ކުރިއަށްދާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކުގައި މެދުގައެވެ. ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ފޮލޯއެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރައްވައިގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއްލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހޮޓެލް އޭޝިއާ 2026 ކުރިއަށް ދާނީ މާދަމާއިން ފެށިގެން މިމަހުގެ 30 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.