މިއަހަރުގެ ނޮވެންބަރު މަސް ނިމުމުގެ ކުރިން ކޮންމެހެން ބޭނުންވާ ބޭސް ލިސްޓުގައި ހިމެނޭ ބޭސްތައް ރާއްޖެއަށް ގެނެވި ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދެވޭނެ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ވަޒީރު ގީލާ އާ ވަނީ ބޭސް ނުލިބުމުގެ މައްސަލަ ހައްލުވާނީ ކޮން އިރަކުންތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ގީލާ ވިދާޅުވީ، ބޭހުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ ސަރުކާރުތަކުން މަސައްކަތް ކުރަމުން ގޮސްފައިވާ ކަމަށެވެ.
މި ސަރުކާރުން ވެސް ވަރަށް ބޮޑެތި ނިންމުންތައް ނިންމަވާފައިވާކަން ފާހަގަަކުރައްވާ ވަޒީރު ވިދާޅުވީ، މީގެ ކުރިން ބޭސް ފޯރުކޮށްދިނުމުގެ މައިގަނޑު ޒިންމާ އުފުލަމުން ގެންދިޔައީ އެސްޓިއޯ އަދި އާންމު ފަރާތްތަކުން ކަމަށެވެ.
އެހެންނަމަވެސް މިއަދު ވަނީ ސްޓޭޓް ފާމާ ކުންފުނި ސަރުކާރުން އުފައްދާ އަދި އެ ކުންފުންޏަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެސް ދައުލަތުން ފޯރުކޮށްދީ އެ ކުންފުނީގެ ފަރާތުން ބޭހުގެ ސަޕްލައި ރާއްޖެއަށް ގެނައުމާ އެ ސަޕްލައި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އެހީތެރިވެފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެއީ ވަރަށް ގިނަ އަދަދެއްގެ ބޭސް ކަމަށާއި އެއިން ކޮންމެ ބޭހަކީ ރާއްޖެއިން ބޭރުގައި އުފައްދާ އުފެއްދުމެއްގެ ތެރެއިން ހޯދޭ ބޭސްތައް ކަމަށެވެ. އެހެންކަމުން އެ ބޭސްތައް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް އެ ކުންފުނީގެ ފަރާތުންނާއި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން މިހާރުވެސް ކުރިއަށް ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސްޓޭޓް ފާމާ މެދުވެރިކޮށް ޑޮކުޓަރު ލިޔުއްވާ ބޭސް ހޯދުމުގައި މިހާރުވެސް ލުއި ފަސޭހަކަން ލިބިފައިވާތަން ރައްޔިތުންނަށް ފާހަގަކުރެވޭނެ ކަމަށެވެ. އަދި ބޭސް ގެނައުމުގައި ވީ އެންމެ އަވަހަކަށް ސްޓޭޓް ފާމާއިން މަސައްކަތްކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.