މާލެ ސިޓީގައި ހުރި ސަގާފީ ތަންތަނާއި ތާރީހީ ތަރިކަތައް ބޭނުންކޮށްގެން ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.
މޭޔަރު މިކަމަށް ގޮވާލެއްވީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މޭޔަރު ވިދާޅުވީ، މާލެ ސިޓީގެ މުއްސަނދި ސަގާފަތާއި، އާސާރީ ތަރިކައާއި، ޖަޒީރާވަންތަ ދިރިއުޅުމުގެ އިތުރުން، ދިވެހިންގެ ހާއްސަ މެހެމާންދާރީއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް މާލެއިން އަބަދުވެސް އަންނަނީ ހޫނު މަރުހަބާއެއް ކިޔަމުން ކަމަށެވެ.
އެހެންކަމުން މޭޔަރު ވަނީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށާއި، އަދި ރާއްޖޭގެ އަގުހުރި އާސާރީ ތަރިކަތައް ރައްކާތެރިކުރުމުގައި ސާބިތުވެ ތިބުމަށް އަޒުމް އާކުރުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން މޭޔަރު ވަނީ، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ، އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ސިޓީއަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މޭޔަރު ޢާޒިމްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އެންމެން ގުޅިގެން މާލެއާއި މުޅި ދިވެހިރާއްޖޭގެ ހިތްގައިމުކަމާއި ރީތި ނަމޫނާ މުޅި ދުނިޔެއަށް ހާމަކޮށްދިނުމަށެވެ.