ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރު ވާހަކަތައް ހިމެނޭ ފޮތެއް ނެރެން ނިންމައިފިއެވެ.
"ކުރުވާހަކަ - 80ގެ ފަހުކޮޅު" ނެރެން ހަމަޖެހިފައި ވަނީ ނަޝީދުގެ ހިއްސާ އޮންނަ ޗާޕުޚާނާއެއް ކަމަށްވާ އޯޝަން ޕަބްލިޝާސްއިންނެވެ.
އެ ވާހަކަތަކަކީ 1900ގެ އަހަރުތަކުގެ ތެރޭގައި އެ މަނިކުފާނު ލިޔުއްވާފައިވާ ހިޔާލީ ވާހަކަތަކެކެވެ. އެ ފޮތް ގަންނަން މިހާރު ވަނީ ޕްރީ އޯޑަރަށް ހުޅުވާލާފައެވެ. އެގޮތުން ފޮތެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 250 ރުފިޔާއަށެވެ. މި ފޮތުގައި ހިމެނޭ ބައެއް ވާހަކަތަކަކީ ޗާލާ ޒަމާން،ގައުމީ މަޝްރޫޢު، މޫސަބަރު، ކުރުނާމާ، އަދި ރީތި ހަދިޔާ އެވެ.
ފޮތުގެ އިޝްތިހާރުގައި ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ކުރީގެ ރައީސުންގެ ޕެންޝަނުގެ ބޮޑު ބައެއް ވެސް ކަނޑާލާފައިވާ ކަމަށާއި، ފޮރުވާފައި ހުރި ގިނަ ފައިސާ ލ. އަތޮޅުގައި ހުރި ގޯތީގައި ގެ އަޅަން އުޅެގެން ހުސްވެއްޖެ ކަމަށާއި މި ފޮތް ނެރެނީ އަތްމަތި ދަތިވާތީ ކަމަށެވެ. އަދި ޗެއާޕާސަންގެ މަގާމަކަށް މުސާރައެއް ނޯންނަ ކަމަށްވެސް ނަޝީދު ވިދާޅުވުއެވެ.
ނަޝީދުގެ ވިދާޅުވި ގޮތުގައި މި ވާހަކަތަކުގެ ބަތަލަކަށް ވެސް ނުބައި ބަޔަކަށް ވެސް އުޅޭނީ "ހަސަން ކުރުސީ"އެވެ. ނަމަވެސް އެއީ މިހާރު ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ ހަސަން ކުރުސީ ނޫން ކަމަށާއި ހަސަން ކުރުސީ އެވަނީ ސޯޝަލް މީޑީއާގައި މިހާރު އަމިއްލަ ދިރުމެއް ހޯދާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެނަސް މި ވާހަކަތަކުގެ ބަތަލަކީ އެކްސް، ފޭސްބުކް އަދި އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ހަސަން ކުރުސީ ނޫން ކަމަށާއި މިޒާޖު ވެސް އަދި ޠަބިއްޔަތު ވެސް މާބޮޑަށް ތަފާތު ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ހަސަން ކުރުސީ ހިކިވާނެ ކަމަށާއި ބަނޑެއް ނެތް ތާނގައި ބުޑެއް ވެސް ނެތް ކަމަށާއި އިސްކޮޅުން ދިގެއްވެސް ނޫން ކަމަށާއި އޭނާގެ އިސްތަށި ގިނަވާނެ ކަމަށާއި މި ވާހަތަކުގައި އޭނާ މިހާރު ތިރީހަށް އަޅަނީ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދަކީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން މަޝްހޫރު ލިޔުންތެރިއެއް އަދި ނޫސްވެރިއެކެވެ. ސަރުކާރަށް ފާޑުކިޔައި ލިޔުއްވި ލިޔުއްވުމަކާ ގުޅިގެން ސިޔާސީ ކުށްވެރިއަކަށްވެ ޖަލަށް ލިއެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ނޫސްތަކަށް ދޭތެރެދޭތެރެއިން އެ މަނިކުފާނު ކޮލަމް ލިޔުއްވައެވެ.
އެ މަނިކުފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި ދަގަނޑު ދަހަނާ، ކިއްލާ މާލެ، އެއްބަސްވެވޭ އިންގިލާބު، ދެރަދުން އަދި ވެރިއްގެ ނިމުން ހިމެނެއެވެ.