ރިސޯޓު މުވައްޒަފުންނަށް ލިބެންޖެހޭ ސަރވިސް ޗާޖު ދިވެހި ރުފިޔާއިން ދެމުންދާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީ އެއްގައި ކުޑޫ ވިދާޅުވީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ބުރަ މަސައްކަތްކުރަމުންދާ އެތައް މުވައްޒަފުންނަށް ލިބެންޖެހޭ ސަރވިސް ޗާޖުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭ ގޮތަށް ޢަމަލުކުރަން ގަސްތުކުރާކަމުގެ ކަންބޮޑުވުން އެދާއިރާގައި މަސައްކަތް ކުރަމުންދާ މުވަޒަފުން ފާޅުކުރަމުންގެންދާ ކަމަށެވެ.

ވަޒީފާއާބެހޭ ޤާނޫނުގައި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، 10 އިންސައްތަ އަށްވުރެ މަދުނޫން ޢަދަދަކުން ސަރވިސްޗާޖް ނަގަންވާނެ ކަމަށާއި، އަދި ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަ ކަމާއެކު ބަހަންވާނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ކުޑޫ ވިދާޅުވީ، އެހެންނަމަވެސް، ސަރވިސްޗާޖުގެ ގޮތުގައި ނަގާ ބޭރު ފައިސާ، އެ ނެގިބާވަތުން މުވައްޒަފުންނަށް ދިނުމުގެ ބަދަލުގައި، ބައެއް ތަންތަނުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ދިނުމުގެސަބަބުން، ޤާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ ޙަޤީޤީ މަންފާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ލިބުމަށް ވަނީ ބޮޑެތިހުރަސްތަކެއް އެޅިފައި ކަމަށެވެ.

އެގޮތުން ކުޑޫ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދީފައިވާ ޙައްޤު ފުރިހަމައަށް ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި، ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ ދިވެހި ރުފިޔާއަށްމާރުނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން މުވައްޒަފުންނަށް ސަރވިސްޗާޖު ދޭންވާނީ އެ ފައިސާއެއް ލިބުނު ބާވަތަކުން (ކަރަންސީއަކުން) ކަމަށް ކަނޑައެޅުމަށްޓަކައި، ކެންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މަޢުރޫފް ދާކިރު 8 ޑިސެމްބަރ 2025 ގައި ވަޒީފާއާބެހޭޤާނޫނަށް އިޞްލާޙެއް ހުށަހަޅުއްވާފައިވާ ކަން ކުޑޫ ވަނީ ފާގަކުރައްވާފައެވެ.

ކުޑޫ ވިދާޅުވީ، އެ ބިލުގެ ފުރަތަމަ ކިޔުން 10 ފެބްރުއަރީ 2026 ގައި މަޖިލީހުގައި އިއްވުމަށްފަހު، 22 އެޕްރީލް 2026 ގައި ބިލުގެ ބަހުސް ކުރިއަށްގެންގޮސް، ހަމަ އެ ދުވަހު އެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން ކުޑޫ ވަނީ، އެ އިޞްލާޙަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެތައް ހާސް ދިވެހި މުވައްޒަފުންގެ ޙައްޤުތަކާ ސީދާގުޅިފައިވާ މުހިންމު އިޞްލާޙަކަށްވާތީ، ކޮމިޓީ މަރުޙަލާގައި އެ ބިލުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމަވައި، މަޖިލީހުގެތަޅުމުން އެ ބިލާޢިމެދު ގޮތެއް ނިންމަވައިދެއްވުން މަޖިލިސް ރައީސް އަބްދުއްރަހީމްގެ އަރިހުން އެދިލައްވާފައެވެ.