ހިމަބިއްސާ ގުޅިގެން ގިނަ ބަޔަކަށް ވެކްސިން ދެވި، ބަލި މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި މިފަހުން ރާއްޖޭގައި ވަރަށް ބޮޑަށް ހިމަބިހި ފެތުރިފައިވާކަން ފާހަގަކޮށް އެ ބަލީގެ ފަހުގެ ހާލަތަކީ ކޮބައިތޯ ވަޒީރާ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިހާތަނަށް 16،000އަށް ވުރެ ގިނަ ފަރާތްތަކަށް މި ބަލީގެ ވެކްސިން ދެވިފައިވާކަމަށެވެ. އޭގެ ނަތީޖާއަކަށް ވަނީ ބަލީގައި އަލަށް ފެންނަމުންދާ މީހުން މަދުކުރެވި، އަދި މިހާރު އެކްޓިވްކޮށް ބަލިޖެހިފައިހުރި އެއްވެސް މީހަކު އެންމެ ފަހުގެ ރެކޯޑުން ފެނިފައިނުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހިމަބިއްސަކީ ރާއްޖޭގައި ކުރިން ވަރަށް އާންމުކޮށް ފެންނަމުން ދިޔަ ބައްޔެއް ކަމަށެވެ. އެހެން ނަމަވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަރަށް ބޮޑަށް ހަރުދަނާކުރެވި ޕްރޮގްރާމްގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ކުޑައިރު ދެވިފައި ހުރުމާއެކު ބަލީގެ ހާލަތު އެއްކޮށް ބަދަލުވެ މިބަލި ރާއްޖެއިން ކޮންޓްރޯލް ކުރެވިފައިކަން ވަޒީރު ވަނީ ޔަގީންކޮށްދެއްވާފައެވެ.

އަޅުގަނޑުމެންނަށް މިހާރު މިފެނިގެންދިޔަ ރާއްޖެއިން އަނެއްކާވެސް އިތުރަށް ފެންނަމުން ދިޔަ ހިމަބިހީގެ ބަލި މީހުންގެ އަދަދު ކޮންމެވެސް އިތުރުވެއް އައި ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އެބަލީގައި ފެންނަމުންދާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ. ވަރަށް ބޮޑަށް މަދުން އަޅުގަނޑުމެން ތެރޭގައި ފެންނަނީ.

ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ

ވަޒީރު ވިދާޅުވީ މި ވަގުތު އެކްޓިވްކޮށް އެއްވެސް ބަލިމީހެއް ފެނިފައިނުވާ ކަމަށެވެ. އެހެންކަމުން ބަލި މިވަގުތު ކޮންޓްރޯލް ކުރެވެމުންދާކަން ފާހަގަކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ރޯގާއެއް އަވައްޓެރި ގައުމުތަކުގައި ފެތުރިގެން ދިޔުމާއި އެކުގައި ރާއްޖެއަށް ބަލި އެތެރެވީ ދަތުރުފަތުރާއި އަދި އެހެން ޤައުމުތަކުން ވެސް ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންގެ ފުށުންކަމަށް ބެލެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިމަހުގެ 22 ވަނަ ދުވަހު އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރ 13ން 20ށް ހިމަބިހީގެ 13 ކޭސް ވަނީ ފެނިފައެވެ. އަދި މި އަހަރު މިހާތަނަށް ހިމަބިހީގެ 282 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ހާމަކުރި އަދާހަމައިގައިވާ ގޮތުން މިހާތަނަށް 16،423 ފަރާތަކަށް ވަނީ ވެކްސިން ދީފައެވެ.